2012 ވަނަ އަހަރުން ފެށިގެން ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ތިން ވަނަ ޖެނެރޭޝަން ނިމި ހަތަރުވަނަ ޖެނެރޭޝަންގެ އެކްޓިން ފަށަނީއެވެ. އަބިމަންޔޫ ބިރްލާ، އަކްޝަރާ އަދި ރޫހީގެ ވާހަކަ އަށް ނިމުމެއް އަންނަނީއެވެ. ދެން މި ޑްރާމާ ކުރިއަށް ގެންދާނީ އަކްޝަރާ އާއި ރޫހީގެ ދަރިންނެވެ.

އަކްޝަރާ އަށް ލިބޭ އަންހެން ދަރިފުޅު އަބީރާގެ ރޯލު ކުޅޭނީ ސަމްރިދީ ޝުކްލާއެވެ. އަދި ރޫހީގެ ރޯލު ކުޅޭނީ ޕްރަތިޝްކާއެވެ. ފިރިހެން ލީޑު ތަރިއަކީ ޝެހްޒާދާ ދާމީއެވެ. އޭނާ ކުޅޭނީ އަރްމާން ޕޮއްޑަރު ކިޔާ ކެރެކްޓާއެކެވެ. ޑްރާމާގެ މި ޖެނެރޭޝަން ފެށިގެންދާނީ އަރޫހީ މަރުވާތާ 20 އަހަރުފަހުންނެވެ. މާނައަކީ އަރޫހީގެ ރޯލު ކުޅޭ ކަރިޝްމާ އާއި އަކްޝަރާ ރޯލު ކުޅޭ ޕްރަނާލީގެ އިތުރުން އަބީމަންޔޫގެ ރޯލު ކުޅޭ ހަރްޝްވަރްދަން ޝޯ ދޫކޮށް ދިޔުމުންނެވެ. މި ޖެނެރޭޝަންގެ ވާހަކަ ފެށޭނީ އަބީރާ، އަރްމާން އާއި ކައިވެނިކޮށްގެން އުޅޭ ހިސާބުންނެވެ. މަންމަ އަކްޝަރާ އެކޭ އެއްގޮތަށް ލޯޔަރަކަށްވާން ބޭނުންވާ އަބީރާ އަށް އެކަމަށް ހުރަސް އެޅެނީ ޕޮއްޑަރުގެ އާއިލާ އާ ގުޅޭ ހިސާބުންނެވެ. އެ އާއިލާ އިން ގަބޫލުކުރާގޮތުގައި ޅީދަރިން ތިބެންޖެހޭނީ ގޭގައި ވަޒީފާ އަދާނުކޮށެވެ.

އަރްމާން އަށް ރޫހީ ފެނުމާއެކު އޭނާ ދެކެ ލޯބިވެއެވެ. ނަމަވެސް އަރްމާންގެ ހުށައެޅުމަށް އިންކާރުކޮށް ރޫހީ ކައިވެނިކުރަނީ އަރްމާންގެ ކޮއްކޮ ރޯހިތު ޕޮއްޑަރުއާއެވެ. ރޫހީ، ޕޮއްޑަރު އާއިލާ އާ ގުޅެނީ އެ އާއިލާ އަކީ މުއްސަނދި އާއިލާ އަކަށްވުމުން ފައިސާގެ ދަހިވެތި ކަމުގައެވެ. ނިމިގެން ދާ ގެނެރޭޝަންގެ އަކްޝަރާ އާއި އަރޫހީގެ ކޯޅުންގަނޑު ފެނިގެންދިޔަ ގޮތަށް މި ގެނެރޭޝަންގައި ވެސް އަބީރާ އާއި ރޫހީގެ ކޯޅުންގަނޑު ފެނިގެންދާނެއެވެ. ޑްރާމާގެ އާ ޖެނެރޭޝަންގެ އެޕިސޯޑުތައް މި މަހު ދައްކަން ފަށާނެއެވެ.

މި ޑްރާމާ ފެށީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހްރާ (ނެތިކް) އާއެކުއެވެ. އެ ޖެނެރޭޝަން ނިމި ފަހުން ދެމީހުންގެ ދަރިން ކަމަށްވާ ނައިރާ (ޝިވާންގީ ޖޯޝީ) އާއި ނަކްޝް ލީޑު ރޯލު ކުޅެން ފެށިއެވެ. ނައިރާ އާއި މޮހޮސިން ހާން (ކާރްތިކް) އާ ދިމާވެ ދެމީހުން ލޯބިވެ ކައިވެނިކުރިއެވެ. އަދި ދެމީހުންނަށް ދަރިން ލިބި ދަރިން ބޮޑެތިވާން ފެށުމުން ޝިވާންގީ އާއި މޮހޮސިން ޑްރާމާ ދޫކޮށްދާން ނިންމިއެވެ. އެއާއެކު ތިން ވަނަ ޖެނެރޭޝަން އާއެކު ނައިރާ އާއި ކާރްތިކްގެ ދަރިން ކަމަށްވާ ޕްރަނާލީ (އަކްޝަރާ)، ކައިރަވް (އަބީރު ސިންހް) ކަރިޝްމާ (އަރޫހީ) ކުޅެން ފެށިއެވެ. މި ޖެނެރޭޝަން ވެގެންދިޔައީ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ޖެނެރޭޝަން އަށެވެ. ޕްރަނާލީ މި ޑްރާމާގެ ލީޑު ރޯލު ކުޅެމުން އަންނައިރު އޭނާ އަށް ހަރްޝަދު ޗޯޕްރާ (އަބީމަންޔޫ) އާ ދިމާވެ ލޯބިވެއެވެ. އަދި ކައިވެނިކޮށް ދެމީހުންނަށް އަބީރު ކިޔާ ދަރިއަކު ލިބެއެވެ. އަދި އަކްޝަރާ އާއި އަބީނަވް ކައިވެނިކޮށް އަބީރާ ކިޔާ ކުއްޖަކު ލިބެއެވެ. އަކްޝަރާގެ ކޮއްކޮ އަރޫހީ، އަބީމަންޔޫގެ ކޮއްކޮ ނީލް ބިރްލާ އާއި ކައިވެނިކޮށް ރޫހީ ކިޔާ ދަރިއަކު ލިބެއެވެ. މިފަހަރުގެ ޖެނެރޭޝަންގެ ލީޑަކީ ރޫހީ އާއި އަބީރާއެވެ.