ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ތްރީލައިން ވިޕް ނެރުމަށް ފަހު އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ނަޝީދުގެ މައްސަލަ ތާވަލް ކޮށްފައިވާ ކަަމަށާއި އެކަަމާ ގޮތެއް ނުނިންމާ މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިޔަ ނުދީ އަދި އެމްޑީޕީން އެއްބާރުލުން ވެސް ނުދޭނެ ކަމަށެވެ.

މި ހަފްތާގެ ތިން ދުވަސް ނިމިގެން ދިޔަ އިރު ވެސް މަޖިލީހުގެ އެންމެ ޖަލްސާއެއް ވެސް އަދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުން ޖެހިވަަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ ދެން މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަަމަށް ބައެއް މަސްދަރުތަކުން ބުނެފައި އޮތް އިރު މިއަދުވެސް ޖަލްސާ ނުބާއްވާ ގޮތަށް އެ އިދާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައި ނެތުމުން އެމްޑީޕީން ވަނީ މަޖިލީހުގައި ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ޖަލްސާ ވެސް ނުބާއްވާ ގޮތަށް ވަނީ މެދުކަނޑާލާފައެވެ.

ޖަލްސާ ފެށުނަ ނުދޭން އެމްޑީޕީ މެމްބަރުން ރިޔާސަތު ކައިރި ހުރަސްއަޅަނީ

މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އައިސްފައިވާ އިރު، މަޖިލީހުން ނިންމަން ޖެހޭ ގިނަ ކަންތައްތަކެއް މިވަނީ ހުއްޓިފައެވެ. އެ ގޮތުން އަންނަ އަހަރުގެ ބަޖެޓް ފާސްކުރުން ފަދަ މުހިއްމު ކަންކަން ހުއްޓިފައިވާ އިރު، އެމްޑީޕީ މެންބަރުންގެ ބަހާއި އަމަލުތައް ހުރިގޮތުން މިއީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެއަށް ވުރެ ބޮޑަށް ނަޝީދު ވަކިކުރުން މި ވަނީ އެމްޑީޕީއަށް ފެންނަ އެންމެ މުހިއްމު ކަމަކަށް ވެފައެވެ.

ނަޝީދާ މެދު އެމްޑީޕީން ފިޔަވަޅު އަޅަންވީ ދުވަސް ފާއިތުވެއްޖެ!

ނަޝީދު މަގާމުން ވަކި ކުރަންވީ ދުވަސް ފާއިތުވެއްޖެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަޝީދުގެ އިތުބާރު އެމްޑީޕީއަށް ގެއްލިފައި ވަނީ އެމަނިކުފާނު އެމްޑީޕީއާ ދެކޮޅަށް ވާހަކަ ދައްކަވަން ފެށްޓެވި ހިސާބުންނެވެ. އެއީ އެމަނިކުފާނަށް އަމާޒުކޮށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ނަޝީދު އެމްޑީޕީގެ އިސް ލީޑަރުންނަށް އަމާޒު ކުރައްވަމުން ދިޔަ ތުހުމަތުތަކާ ހިސާބުންނެވެ. އެއަށްފަހު ނަޝީދުގެ ކޮއްކޯފުޅަށް ތުހުމަތުވި އެއްޖިއްސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ވެސް ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އޭރުވެސް ނަޝީދަށް އިތުބާރު ނެތް ކަމުގެ ޝަކުވާ ލިބެމުން ދާ ކަަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭރު އެ މައްސަލަ ހުށަހަޅާފައެއް ނުވެއެވެ.

ރައީސް ނަޝީދު އޭރުވެސް ގެންދެވީ ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރައްވަމުންނެވެ. އެއާއެކު އެމްޑީޕީ ދެ ބަޔަަކަށް ވަނީ ބެހިގެން ގޮސްފައެވެ.

ރައީސް ސޯލިހް (ކ) ރައީސް ނަޝީދު ---

އެއަށް ފަހު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވައި ނަޝީދާއެކު އެ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕްރައިމަރީ ކާމިޔާބު ކުރެއްވި ހިސާބުން ހިޔާލު ތަފާތުވުން ބޮޑުވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލުން ނަޝީދު ވަރުގަދަ ކުރެއްވިއެވެ. ނަޝީދަށް ސަޕޯޓް ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުންތައް ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ސަރުކާރާ އިދިކޮޅު ބަޔަކާއެކު ޕްރެސް ކޮންފަރެންސަށް އެރި ހިސާބުން އަނެއްކާ ވެސް ނަޝީދަށް އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން މެންބަރުންގެ އަޑު ގަދަވެގެން ދިޔައެވެ. ނަމަވެސް އެމްޑީޕީން ފިޔަވަޅެއް ނާޅާ މަޑުކުރީ އެމްޑީޕީއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއް ކަަމަށް ބަލައި އަވަސް އަރުވާލައިގެން ގޮތެއް ނިންމުމަކީ މާ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭރު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ވަކިވި މެންބަރުންތައް އެކަތިގަނޑަކަށްވެ، 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފައްދައި އެ ޕާޓީއާ ނަޝީދު ވެސް ގުޅިވަޑައިގެން ޕޯޑިއަމްތަކުގައި "އެމްޑީޕީ ރޫޅާލާނަން" ގޮވާލެއްވި ހިސާބަކީ ނަޝީދު ވަކިކުރަން އެމްޑީޕީން ފައިވިއްދަން ވީ ދުވަސް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޑީޕީން ވަނީ އީވާ އާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ ވެސް ކުރިއަށް ނުގެންދެވި އުޅެނިކޮށް ދެން ފެށިގެން ދިޔަ ރިޔާސީ ކެމްޕެއިނަށް އެ އަޑު ކެނޑިގެން ދިޔައެވެ. އެއަށް ފަހު ދެވަނަ ބުރުގެ ކެމްޕެއިން ފެށުނު އިރު އީވާ އާއި ނަޝީދުގެ އިތުބާރު ނެތް ކަަމަށް މަޖިލީހަށް ލާފައިވާ މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެންދަވާއިރު ފަހަތުގައި އެމްޑީޕީގެ މެންބަރުން / ފޮޓޯ: އަހްމަދު އިޔާދު -- ދަ ޕްރެސް

އެމްޑީޕީން މިގޮތަށް ނިންމީ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ނުވަތަ ނަޝީދުގެ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން އެމްޑީޕީއާއެކު ކޯލިޝަން ހަދާފާނެ ކަމަށް ބަލާފައި ކަމަށް ބުރަވެވެއެވެ. ނަމަވެސް 'ދަ ޑިމޮކްރެޓްސް އިން ކޯލިޝަން ހަދާކަށް އެއްބަހެއް ނުވިއެވެ. ނަޝީދު ވެސް އެނބުރި އެމްޑީޕީއާ ގުޅިވަޑައި ނުގަތެވެ. އެއަށްފަހު ރިޔާސީ އިންތިހާބު އިދިކޮޅު ޕީއެންސީން ކާމީޔަބު ކުރުމާއި އެމްޑީޕީއަށް ނާކާމީޔާބީއާ ކުރިމަތިލާން ޖެހުމަކީ ނަޝީދުގެ އަތްޕުޅެއް ވާކަމަށް ގަބޫލުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކި ކުރުމަށް އެމްޑީޕީން މަސައްކަތް ފެށީ ކަަމަށް ގިނަ ބަޔަކު ބުނެއެވެ.

މަޖިލީހުގެ މި ހިނގާ ދައުރު ނޮވެމްބަރު މަހުގެ ނިޔަލަށް ނިިމޭ އިރު، ދެން ބަކީ މިއޮތީ މަސް ދުވަހެވެ. މި މަސް ދުވަސްތެރޭ އެމްޑީޕީން އަވަސް އަރުވާލައިގެން ނަޝީދު މަގާމުން ވަކި ކުރަން ފައިވިއްދާލާފައި ތިބި ސަބަބަކީ ކޮންމެ މީހަކުވެސް އޮޅުން ފިލުވަން ބޭނުންވާނެ ކަމެއް ކަން ޔަގީނެވެ.

ނަޝީދު ރައީސް ކަމުގައި ހުންނަވަނިކޮށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން ވެސް އެމްޑީޕީން ނޭދޭ ކަމަށް ވަނީ ބުނެފައެވެ. ފާޅުގައި މިފަދަ ވާހަކަތަކެއް އެމްޑީިޕީން ދައްކަމުން އަންނަ އިރު މިއީ، ޒާތީ ކަމެއް ކަަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ސަލާމް ކުރައްވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގައި ނިޒާމާ ގުޅޭ ގޮތުން ވޯޓަށް އެހުމަށް ބޭއްވި ޖަލްސާގައި ވެސް މުއިއްޒު ހޮވައި ރައްޔިތުން ގޮތް ނިންމައިފި ކަމަށާއި އެ ގޮތަކީ ރިޔާސީ ނިޒާމެއް އޮތުން ކަމަށް އެތައް މެންބަރުންތަކެއް ވަނީ ވިދާޅުވެފައެވެ.

ވީ އިރު ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ރައީސަކު ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިއަދު އެމްޑީޕީން ހުރަސް އަޅަން ޖެހޭ ސަަބަބެއް ބުނެދޭން ޖެހޭ ނޫން ހެއްޔެވެ. އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، މިއީ ޒާތީކަމެއް ނޫން ކަމަށް ވިދާޅުވި ކަމުގައި ވިޔަސް ރައީސް ނަޝީދު ވަކި ނުކުރާ ނަަމަ ރައީސް ހުވާ ކުރާ ރަސްމިއްޔާތަށް ހުރަސް އަޅަން އުޅުން ބެލެވެނީ މާ ބޮޑަށް ވެސް ޒާތީވެއްޖެ ކަމުގައި ނޫން ހެއްޔެވެ.