އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފިއެވެ.

މިމަހު 26ގައި ބޭއްވި އިފްސާ އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑް، ހާސިލްކޮށްފައިވާއިރު މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން ހާސިލުކުރި 5 ވަނަ ފަހަރެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ޚިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެއް ކަމަށް އެލައިޑުން ބުނެއެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލް ވަރަށް ގިނަ ކާމިޔާބީތައް މީގެ ކުރިންވެސް ހޯދާފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑު ހާސިލްކޮށްފައިވެއެވެ.

މީގެ އިތުރުން 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" އިން ލިބިފައިވާ ގޯލްޑް އެވޯޑު ހޯދާފައިވެއެވެ.