ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވީ ކަރެކްޝަންސް އަށް އެންގެވުމަށް ފަހުގައި ކަމަށް އެ ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމިން ބޭސް ފަރުވާ ކުރުމާށާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކެއް އެދިވަޑައިގެންފައިވާތީ ކަރެކްޝަންސްގެގެ ފަރާތުން ވާނީ އެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބައްދަލު ކުރަން އެދިވަޑައިގެން އެ ސާވިސްއާ ހިއްސާކުރުމުން ބައްދަލު ކުރުމުގެ ފުރުސަތެއް ދެވިފައިވާނެ ކަމަށެވެ.
ރައީސް ޔާމީން ރަށު ބަންދަން ބަދަލު ކުރީ އިގުރާރެއްގައި ސޮއި ކުރެއްވުމަށްފަހު ކަމަށާއި އެ އިގުރާރުގައި ކުރުން މަނާ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ކަރެކްޝަންސްއިން މޮނިޓާ ކުރަމުންދާ ކަމަށާއި އިގުރާރާ ހިލާފްވާނަމަ ފިޔަވަޅު އާޅާނެ ކަމުގައި ރައީސް ޔާމިންއަށް އަންގާފައިވާނެ ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރައްވާފައިވާއިރު ރަށު ބަންދަށް ރައީސް ޔާމީން ބަދަލު ކުރި ފަހުން މިއީ އެމަނިކުފާނު ޕީޕީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީ އަށް ފޯމުފުރަން ނުޖެހޭނެ ކަމަށާއި ޕީޕީއެމް އަދި ޕީއެންސީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މި މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އިއްޔެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ޔާމީން ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
ރައީސް ޔާމީން މާލެ ބަންދަށް (ރަށު ބަންދަށް) ބަދަލު ކޮށްފައި ވާ އިރު، އަންނަ މަހުގެ 6 ގައި، މިހާރު ކުރިއަށް ދާ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެ ދުވަހު ޔާމީން މިނިވަންވެ ވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ބުނެއެވެ.