ގާޒާގެ އުތުރުން ކަރަންޓް ކަނޑާލައި މުވާސަލާތީ ހިދުމަތްތައް މުޅި ގާޒާއިން ކަނޑާލުމަށް ފަހު ހިންގި އުދުވާނުގައި އެމެރިކާގެ 5000 ސިފައިން އިޒްރޭލުގެ ފައުޖުތަކާއެކު ބައިވެރި ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހިންގާ 'ތަސްނިމް ނިއުސް އެޖެންސީ' އިން ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާ ހަވާލާދީ ބުނީ، އެރޭގެ ހަމަލާތައް ދިނުމުގައި އިޒްރޭލު ސިފައިން ހަރަކާތްތެރިވީ އެތައް ބައިވަރު ބްރިގޭޑުން [ގްރޫޕެއް] ހިމެނޭ ގޮތަށް 3 ޑިވިޝަނަކަށް ކަމަށެވެ.
އެ ނޫހުން އިތުރަށް ބުނީ، ހަމާސްގެ މުޖާހިދުން އޮކްޓީބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ވެރިން [ނަތަންޔާހޫ] ގެ އިތުބާރު ނެތުމުން، ކޮންޓްރޯލް އެމެރިކާއިން ނަގާފައި ވާ ކަމަށެވެ.
ހަމާސްގެ ކުއްލި ހަމަލާ އާ ގުޅިގެން އިޒްރޭލުގެ އިންޓެލިޖަންސާ މެދު ސުވާލު އުފެދި، ވެރިންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ދާދި ފަހުން ނަތަންޔާހޫ ވަނީ އަސްކަރީ ލީޑަރުންގެ ސިޔާސަތާއި ކަންކަން ރާވާ ގޮތާމެދު ސުވާލު އުފައްދާ ޓްވީޓެއްވެސް ކޮށްފައެވެ. އެ ކަމާ އޭނާ އަށް ފާޑުކިޔުން އިތުރުވުމުން މައާފަށް އެދި އެ ޓްވީޓް އޭނާ މިހާރު ވަނީ ޑިލީޓްވެސް ކޮށްފައެވެ.
ހުކުރު ދުވަހުގެ ރެއަކީ ފާއިތުވި 22 އަހަރު ތެރޭގައި ވެސް ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދިން ރެއެކެވެ. ހުއްޓުމެއް ނެތި 4 ގަޑި އިރު ވަޔާއި، ކަނޑާއި އެއްގަމު މަގުން ހަމަލާތައް ދީފައި ވެއެވެ. އަދި އެ ހަމަލާތަކާއެކު އެއްގަމު މަގުން 4 ދިމާއަކުން ގާޒާގެ ތެރެއަށް ވަދެފައި ވެސް ވެއެވެ. އެއީ ބުރުއިޖް، ބެއިތް ހަނޫން، ބެއިތް ލާހިތާ އަދި ހާން ޔޫނިސްގެ އުތުރުންނެވެ.
އީރާނުން ބުނީ، ޔަހޫދީން އެދިމާތަކުން އެރީ މައިގަނޑު އެންމެ ބޭނުމެއްގައި ކަމަށާއި އެއީ ގާޒާ ސްޓްރިޕް ދެބައި، ނުވަތަ ތިން ބަޔަކަށް ވަކި ކޮށްލަން ކަމަށާއި އޭގެ ބޭނުމަކީ ގާޒާގެ އެތެރެއިން ހަމާސްގެ މުޖާހިދުން އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ކަނޑުވާލައި ވަކިކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
2014 ގައި އިޒްރޭލުން ގާޒާއަށް ހަމަލާ ދިން އިރުވެސް މި ސްޓެރެޓަޖީ [ޕްލޭން] ތަންފީޒު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު ޒަޔަނިސްޓުން ފޭބީ ނާކާމިޔާބު ވެގެންނެވެ.
އެއްގަމު މަގުން ދިގު ދެމިގެންދާ ހަމަލާތަކެއް ކުރިއަށް ގެންދާނެކަން ނަތަންޔާހޫ އިއުލާން ކޮށްފައި ވާ އިރު، އެއްގަމު މަގުން އަރާ ކޮންމެ ފަހަރަކު ބުނެފައި ވަނީ އަސްލަ އޮޕަރޭޝަން ނުފެށޭ ކަމަށެވެ. މިފަހަރުވެސް އެއްގަމު މަގުން އަރާފައި ވާ އިރު އަރާފައި ވަނީ މަދު އަދަދެއްގެ ބްރިގޭޑުތައް ކަމަށް ވާއިރު، ރޭގަނޑު ހަމަލާ ދިނުމަށް ފަހު ފަތިސް ވާއިރު އެ ބްރިގޭޑްތައް އިޒްރޭލަށް ފައިބައި ތިބެނީ ބޯޑަރު ސަރަހައްދުގައެވެ.
ހަމާސް އިން ގާޒާގެ އެތަން މިތާނގައި ބިންގަރާސް ތަކާއި ޓަނަލްތައް ހަދާފައި ވާ އިރު، އެ ޓަނަލްތައް ގުޅިފައި ހުންނަ ގޮތައި ރާސްތާގެ ދިގުމިނާއި ކުރިމަތިލާން ޖެހޭނެ ނުރައްކާ ޔަގީން ނުވާތީ ކުއްލިއަކަށް އަރައިގަންނަން ނުކެރެނީއެވެ. އެހެން ކަމުން މިހާރު ކުރާ ކަމަކީ، ބޯޑަރު ސަރަހައްދުން ޝައްކު ކުރެވޭ ހުރިހާ ދިމާއަކަށް ބޮން އަޅާ ގޮއްވާލުމެވެ. އެ ހަމަލާ ތަކުގައި ޓަނަލްތައް ގޮއްވާލަން ބަންކަރު ބޮންވެސް ބޭނުން ކުރާކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.
ހަމާސްގެ ޓަނަލްތަކަކީ، އެއްކޮށް ގުޅިފައި ހުންނަ ޓަނަލްތަކެއް ނަމަވެސް، ވަކިވަކި ބައިތައް ބަންދު ކޮށްލެވޭ ގޮތަށް ހުންނަ ކަމަށާއި، އެހެން ކަމުން ޓަނަލްގެ އެއްބައި ހަލާކުވިޔަސް އަނެއް ބައިގެ ތެރޭގައި މުޖާހިދުންނަށް ފިލާ ތިބުމުގެ ޖާގަ ލިބޭ ކަމަށް މެދުއިރުމަތީގެ އަސްކަރީ ހާލަތާއި ހާއްސަކޮށް ހަމާސްގެ އޮޕަރޭޝަންތައް ދިރާސާކޮށް މުތޯލިއާ ކުރާ ތަޖުރިބާކާރުން ބުނެފައި ވެއެވެ.
ހަމާސްގެ ހަބަރުތައް ގެނެސްދޭ އެކިއެކި ޗެނަލްތަކުން ބުނެފައި ވާ ގޮތުގައި ހުކުރު ދުވަހުގެ ރޭވެސް އަދި ހޮނިހިރު ދުވަހުގެ ރެއާއި ރޭވެސް އެކިއެކި ދިމަދިމާއިން ޔަހުދީ ބްރިގޭޑްތަކަށް ހަމަލާ ދީފައި ވެއެވެ. އަދި ޔަހޫދީންގެ ބައެއް އުޅަނދުތައް ގޮއްވާލައި 320 ސިފައިން މަރާލި ކަމަަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މި މައުލޫމާތު ވެރިފައި ކުރެވޭނެ އިތުރު އެހެން ސޯސްއެއް ނެތް އިރު އިޒްރޭލުގެ ހަބަރުތައް ގެންނަ ބައެއް ޗެނަލްތަކުން ބުނެފައި ވަނީ، ހަމާސްގެ މުޖާހިދުންގެ ގިނަ ބަޔަކު މަރާލި ކަމަށާއި އެމީހުންގެ އިންފަރާސްޓްރަކްޗާތަކުގެ ތެރެއިން 450 ތަނަކަށް ހަމަލާ ދީފައި ވާ ކަމަށެވެ. އެމީހުން އާންމު ކުރި ބައެއް ކްލިޕްތަކުގައި ހަމާސްގެ މުޖާހިދުން މެރުމަށް ފަހު ވާޖަހާ ވެހިކަލެއްގައި ކަފުޖަހައިގެން ބިންމަތީގައި ދަމާފައި ގެންދާ މަންޒަރުތައް ވެސް އާންމުކޮށްފައި ވެއެވެ.
1.1 މިލިއަން މީހުން ދިރިއުޅޭ ގާޒާ އެކީއެކަށް ހެން ފުނޑާލާފައި ވާ އިރު، 8000 އަށް ވުރެ މީހުން މިހާރުވެސް ވަނީ ޝަހީދުވެފައެވެ. ނުފެންނަ ނުވަތަ ވީގޮތެއް ނޭނގޭ މީހުންގެ އަދަދު 1800 އަށް އަރައެވެ. އެގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިޒްރޭލުގެ އުދުވާނުގައި އެމެރިކާއިން ބައިވެރިވާ ވާހަކަ ވައިޓްހައުސްގެ ތަރުޖަމާން ދޮގުކޮށްފައި ވާ އިރު، އިޒްރޭލަށް ބޭނުންވާ އެކްސްޕާޓު އޮޕީނިއަން ނުވަތަ ހަނގުރާމަ ވިލަރެސް ކުރުމުގައި ބައިވެރިވާ ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލަށް ބޭނުންވާ ހުރިހާ މަދަދެއް ދޭ ކަމަށާއި ހަތިޔާރުވެސް ދޭ ކަމަށް ބުނެފައި ވެއެވެ.