ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް، ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ ފިލްމު "ފްރީ ޑެލިވަރީ"ގެ ޓިކެޓް އޮންލައިކޮށް ވިއްކަން ފަށައިފިއެވެ.

އޮންލައިންކޮށް ޓިކެޓް ގަތުމަށް 7242555 އަށް ވައިބާކުރުމުން ޓިކެޓް ކަންތައް ހަމަޖެހޭނެއެވެ. މި ފިލްމުގެ ޓިކެޓް ބުކްކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޑާކް ކޮމެޑީ އެކެވެ. ބޮޑު ކާސްޓަކާއެކު ގެނެސްދޭ "ފްރީ ޑެލިވަރީ" ގައި ހަރަކާތްތެރިވާނެ ތަރިންނަކީ ރައުފަތު ސޯދިގު، އައިޝާ، ވާޝިޔާ މުހައްމަދު، ޝާރިފު އަހުމަދު، އިފްނާޒް ފިރާގު، ތާތި އާދަމް، މަރިޔަމް ވަހީދާ (ޔަމް) އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)އެވެ. މިތަރިންގެ އިތުރުން މި ފިލްމުން އާ މޫނުތަކެއް ވެސް ތައާރަފްވެގެންދާނެއެވެ. މި ފިލްމުވެގެންދާނީ އިއްލެގެ ތިން ވަނަ ފީޗާ ފިލްމަށެވެ. އަދި އިއްލެގެ ތަފާތު ފިލްމަށް މި ފިލްމުވެގެންދާނެއެވެ. އެއީ އިއްލެ ކުރިން ގެނެސްދިން ދެ ފިލްމާ ހިލާފަށް މި ފިލްމުގެ ޖޯންރާ އަކީ ޑާކް ކޮމެޑީ އަކަށްވުމުންނެވެ. އެހެންކަމުން މި ފިލްމަށް ކުރާ އުންމީދުވެސް ބޮޑެވެ.

ކޮވިޑް19 ގެ ސަބަބުން އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު މިއަހަރު ފެބްރުއަރީގައި އޮލިމްޕަސް ހުޅުވާލުމާއެކު ފުލުފުލުގައި އަންނަނީ ފިލްމުތައް ދައްކަމުންނެވެ. މިއަހަރު އެއްކޮށް އޮލިމްޕަސް ބުކްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް 7 ފިލްމެއް އޮލިމްޕަހުގައި ދައްކައިފިއެވެ. އެއީ "ބީވީމާ"، "ވަނާޖުބޭސާ"، "ލޯބިވެވިއްޖެ"، "ކައުޝީ"، "ނީނާ"، "ޖޯކަރު" އަދި "ކަޅަކި" އެވެ. އަންނަ މަހު ފްރީ ޑެލިވަރީ ގެނެސްދޭއިރު އަހަރު ނިމިގެންދާނީ ޑިސެމްބަރުގައި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފީޗާ ފިލްމު "ނޮވެމްބާ" އެޅުވުމަށްފަހުއެވެ.