1994 ވަނަ އަހަރު ދައްކަން ފެށި މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގައި ޗޭންދްލާ ބިންގް ގެ ރޯލުން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދި މެތިއު ޕެރީ އުމުރުން 54 އަހަރުގައި މަރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި މެތިއު މަރުވެފައި އޮއްވާ ފެނުނީ އިއްޔެގެ ހަވީރު ވަގުތެއްގައި އޭނާގެ ލޮސް އޭންގަލަސް ގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ޖަކޫޒީއެއްގެ ތެރޭގައި އޮއްވާ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވީ ގެނބިގެން ކަމަށެވެ. ޖަކޫޒީ ކައިރިން މަސްތުވާތަކެއްޗެއް ނުފެނުނަމަވެސް އެ މައްސަލަ ލޮސް އޭންޖަލަސްގެ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ މަރުވިއިރު ވަނީ މީގެ ހަ ދުވަސްކުރިން ޖަކޫޒީއެއްގެ ފޮޓޯ އެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މެތިއު ވަނީ މަސްތުވާތަކެއްޗާއި ބަނގުރަލަށް ދެވިހިފުމުގެ ސަބަބުން އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި ލިބުނު ގެއްލުމުގެ ވާހަކަތަކާއި ރިހެބުން ފަރުވާ ހޯދައި، މަސްތުވާތަކެތިން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ވާހަކަތަކެއް އާންމުންނަށް ހިއްސާކޮށްފައެވެ. އެކްޓަރު ވަނީ އޭނާގެ ފޮތް "ފްރެންޑްސް، ލަވާސް، އެންޑް ދަ ބިގް ޓެރިބަލް ތިންގް" ގައި އެ ވާހަކަތައް ކިޔައިދީފައެވެ. އަދި އެކަމުން އަރައިގަންނަން "ފްރެންޑްސް" ގައި ހަރަކާތްތެރިވި ތަރިންގެ އެއްބާރުލުން ވަރަށް ލިބުނު ކަމަށާއި ހާއްސަކޮށް ޖެނިފާ އެނިސްޓަން އޭނާ އަށް އެހީތެރިވި ކަމަށް މެތިއު ވަނީ ބުނެފައެވެ.

ހަ އެކުވެރިންގެ ދިރިއުޅުން ދައްކުވައިދޭ "ފްރެންޑްސް"ގެ އެންމެ ފަހު އެޕިސޯޑު 2004 ވަނަ އަހަރު ގެނެސްދިން ނަމަވެސް މި ސީރީޒް އަށް ކުޑަވެސް ލިބޭ މަގްބޫލުކަން ފަނޑެއްނުވެއެވެ. ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައިވާ މި ޝޯ އަކީ މިއަދުވެސް ގިނަ ބަޔަކަށް ކަމުދާ ފޭވަރިޓް ޝޯއެވެ. ޖުމްލަ 10 ސީޒަން ހިމެނޭ މި ޝޯގައި މެތިއު ކުޅުނު "ޗޭންދްލާ ބިންގް" ރޯލަކީ އެންމެން ހެއްވާލި މަޖާ ރޯލެކެވެ.