ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ހުޅުމާޅޭގެ މުނިސިޕަލް ހުރިހާ މަސައްކަތެއް މާލެ ސިޓީ ކައުންސިލަށް ހަވާލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިއަދު ހަވީރު، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ހުޅުމާޅެއަކީ މާލޭގެ އެއްބައި ކަމަށާއި ކެމްޕެއިންގައި ވައުދުވެވެވަޑަައިގެންނެވި ފަދައިން ހުޅުމާޅޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތްތައް އާބްންކޯއިން މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރައްވާނެ ކަމަށެވެ. އެއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންތައްތަކުގެ ތެރެއިން ހުޅުމާލެއަށް ކޮށްދެއްވާ އެންމެ ފުރަތަމަ ކަންތައް ކަމުގައި ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލާ ހަވާލު ކުރާ މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގެ މަގުތައް ބެލެހެެއްޓުމާއި ފަޅުތެރެ ބެލެހެއްޓުމުގެ އިތުރުން އިދާރީ ހިދުމަތްތައް ވެސް ހިމެނޭ ހެން ލާމަރުކަޒީ ގާނޫނުގައި ބުނާ ސިޓީ ކައުންސިލުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިވަގުތު ހުޅުމާލެއިން ފެންނަމުންދާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލަ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ކުރީ ކޮޅު ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ޕާކީންއަށް ހާއްސަ އިމާރާތްތައް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތް ނިމުމުން ހުޅުމާޅެއަކީ ތަރުތީބު ކުރެވިފައިވާ ތަނަކަށް ހަދައި ޕާކިން މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މާލެއިން ހުޅުމާލެއަށް ދާ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ނަގައި އެ ސޯލާ ޕެނަލްތައް އެއް ރަށް ނުވަތަ ދެ ރަށަކަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރު ސޯލާ ޕެނަލްތައް ޖަހާފައިވާ ގޮތުން ހައިވޭގެ އެ މަގު ތޮއްޖެހިފައިވާ ފަދަ ގޮތަކަށް ފެނިވަޑައިގަންނަވާ ކަމަށާއި އެއަށް ވުރެއް ރަނގަޅަށް އެކަން ޕްލޭންކޮށްގެން އެ ޕްރޮޖެކްޓް ހިންގާ ކުންފުންޏާ މަޝްވަރާ ކޮށްގެން ބަދަލު ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި މުއިއްޒު ވަނީ ހުޅުމާޅެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ސަލާމް ކުރައްވައި ފޮޓޯ ނެގުމަށް ވެސް ވަގުތު ހުސް ކުރައްވާފައެވެ. އެއަށްފަހު މި ރަސްމިޔާތު ނިންމާލާފައި ވަނީ ރައްޔިތުންނާ އެކު ހަވީރުގެ ސަޔަކުންނެވެ.