އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ވައިގެ ހަމަލާތައް ރާވާ ހިންގާ ކޮމާންޑަރު އާސެމް އަބޫ ރަކަބާ މަރާލި ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފިއެވެ.
ރޭ ހުއްޓުމެއް ނެތި 4 ގަޑިއިރު ގާޒާގެ އުތުރަށް ބޮމާއި މިސައިލް ހަމަލާ ދީފައި ވާ އިރު، ޖުމްލަ 250 ތަނަކަަށް ހަމަލާ ދިން ކަމަށް ވެސް ބުނެފައި ވެއެވެ. އޭގެ ތެރޭގައި ބަންކަރު ހަދައިގެން ހަމާސްގެ މުޖާހިދުން ތިބި 150 ތަނެއް ބަންކަރު ބޮން ބޭނުން ކޮށްގެން ގޮއްވާލި ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ ތެރެއިން އެއް ހަމަލާގައި އާސެމް މަރާލީ އޭނާގެ ގެއަށް ދިން މިސައިލް ހަމަލާއެއްގައި އެ ގެ ގޮއްވާލައިގެންނެވެ.
އައިޑީއެފް އިން ބުނެފައި ވަނީ، އޭނާ އަކި އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ވައިގެ މަގުން ދިން ކުއްލި ހަމަލާ ރޭވުމުގެ އިސް މޭސްތިރިޔާ ކަމަށެވެ. އެ ދުވަހު ހަމާސްގެ ފައުޖުތައް އިޒްރޭލަށް ވަދެގަތީ ވައިގެ މަގުން ރޮކެޓް ހަމަލާތައް ދީ، ޕެރަގްލައިޑާގައެވެ. އޭގެ އިތުރުން ޑްރޯން ހަމަލާވެސް އެދުވަހު ދީފައި ވާ އިރު، އެކަމުގެ އަޑީގައި ހުރީ އާސެލް ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން ހާން ޔޫނިސްގެ ހުޅަނގުން އިޒްރޭލުގެ ފައުޖުތަކަށް ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމާންޑަރު މިދްހަތް މަބާޝެރްގެ ގެ ވެސް ރޭ ގޮއްވާލައި އޭނާ މަރާލި ކަމަށް އައިޑީއެފް އިން ވަނީ ބުނެފައެވެ.
ރޭގެ ހަމަލާތަކުގައި ހަމާސްގެ މުޖާހިދުން ފިލާތިބި ޓަނަލްތަކާއި އެމީހުންގެ ބޭނުން ކުރަމުން ދިޔަ ބައެއް އިމާރާތްތަކާއި ތަކެތި ރައްކާ ކޮށްފައި ހުރި ތަންތަން ގޮއްވާލާފައި ވާ ކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފައެވެ.
ރޭގެ ހަމަލާތަކަކީ ގާޒާއާއި އިޒްރޭލަށް ވެސް ލޮޅުން އަރަވަރުގެ ވަރުގަދަ ހަމަލާތަކެއް ދިން ރެއަކަށް ވާއިރު ގާޒާއާ 10 ކިލޯމީޓަރު ދުރުގައި އޮންނަ އިޒްރޭލުގެ އަޝްކަލޯންގައި ތިބި ބޭރުގެ ނޫސްވެރިން ބުނީ، ބޮން އަޅަމުން ދިޔަ އިރު ބިންގަނޑު ގުޑައިގެން ދާ ކަމަށާއި ލޮޅުމުގެ އަސަރު އެމީހުން ތިބި ހިސާބަށް ވެސް ކުރި ކަމަށެވެ.
ރޭ އިޒްރޭލުން ހަމަލާ ދީފައި ވަނީ ވަޔާއި، ކަނޑާއި އެއްގަމު މަގުންނެވެ. ކަނޑުގެ މަނަވަރުތަކުން ގާޒާގެ އެތެރެއަށް މިސައިލް ހަމަލާތައް އަމާޒު ކުރަމުން ދިޔައިރު، ވައިގެ މަގުން ދިޔައީ ބޮން އަޅާ، ވަކިވަކި އިމާރާތްތަކަށް މިސައިލް ހަމަަލާ ދެމުންނެވެ. އެއާއެކު އެއްގަމު މަގު ގާޒާގެ ތެރެއަށް ވަން ފައުޖުތަކުން ޓޭންކަރުތަކުން ހަމަލާ ދިން ކަމަށް ވެސް އިޒްރޭލުގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ޑެނިއަލް ހަގަރީ ވަނީ ބުނެފައެވެ.
އަދި ރޭގެ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި ހަމާސްގެ ގިނަ ބަޔަކު މަރާލައި އިޒްރޭލު ސިފައިން ފަހަތަށް ޖެހިފައި ވާ ކަމަށް ބުނެފައި ވެއެވެ.
މުޅި ގާޒާއިން މުވާސަލަތީ ހިދުމަތް ކަނޑާލާފައި ވުމުން ރޭގެ ހަމަލާގެ މަންޒަރުތަކާއި ހަބަރުތައް ބައިނަލްއަގުވާމީ މީޑިއާތަކަށް ވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް އާންމު ބައެއް މީހުން ފޯނުތަކުން ނަގާފައި ވާ ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އިމާރާތްތައް ހުރިގޮތައް ގޮވާ ކުނޑުކުނޑި ވަމުން ދިޔަ އިރު އެހީއަށް އެދި އާދޭސްކޮށް އާންމުން އަޑުލައި ރޯއަޑު ކަނޑައިގެން ނުދެއެވެ.
ރޭގެ ހަމަލާތައް ދިން ބޮޑު މިނަށް ބަލާއިރު ގަޒާގެ އުތުރު މިހާރު އޮންނާނީ އެއްކޮށް އަންދާ އަޅިއަށް ހަދާލާފައެވެ. ބޮމާއި މިސައިލް ހަމަލާތައް ދެމުން ގެންދިޔައީ މުޅި ސަރަހައްދަށް ފެތުރިގެން ދާގޮތަށް ކަން އާންމުވެފައި ވާ ބައެއް ވީޑިއޯ ކްލިޕްތަކުން ފެނެއެވެ. ފުލުފުލުގައި ބޮންތައް ގޮވަމުން ދިޔަ އިރު ދުރަށް ފެތުރިފައި އޮތް ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުން ދާތަންވެސް ފެނެއެވެ.
ރޭގެ ހަމަލާތަކާ ގުޅިގެން ހަމާސް އިން މާ ގިނަ ވާހަކަތަކެއް ދައްކާފައި ނުވާ އިރު، ބުނެފައި ވަނީ، ގާޒާގެ އުތުން ބެއިތް ހަނޫން އާއި ބުރޫޖު ރެފިއުޖީ ކޭމްޕުގައި އިޒްރޭލުގެ ފައުޖުތަކަށް ހަމަލާ ދިން ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ދެދިމާއިން ބަޑީގެ ހަމަލާ ބަދަލުކުރަމުން ދާ އަޑުއިވެމުން ދެއެވެ.
ބައެއް ހަބަރުތައް ބުނާގޮތުން، ހަމާސްގެ ރައްދު ހަމަލާތަކާއެކު ރޭ މަރުވި އިޒްރޭލުގެ ސިފައިންނާއެކު މިހާތަނަށް މަރުވި އަދަދު 310 އަށް އަރާ ކަމަށް ބުނެއެވެ. ނަމަވެސް މި މައުލޫމާތުގެ ސައްހަކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.
ރޭ އިޒްރޭލުން ގާޒާ 'އަންދާ އަޅިއަށް ހަދާލި އިރު' ހުޅަނގު އައްސޭރިއަށް ވެސް ހަމަލާ ދީފައި ވެއެވެ. އާންމުވި ބައެއް ކްލިޕްތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ އެއްގަމު ސިފައިންގެ ފައުޖެއް ހުޅަނގު އައްސޭރިއަށް ވަދެ ގޭގެ ބަލާ ފާސްކޮށް ހަމަލާ ބަދަލު ކޮށްފައި ވެއެވެ. މިހަމަލާތަކުގައި މީހަކު ޝަހީދުވި ކަން އަދި ސާފެއް ނުވެއެވެ.
ރޭގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ސާފު ނުވާ އިރު ޒަހަމްވީ ކިތައް މީހުން ކަމެއް އަދި ކުޑަކުދިންގެ އަދަދެއްވެސް އަދި ނޭނގެއެވެ.
މިހާތަނަށް ލިބިފައިވާ އަދަދުތަކަށް ބަލާއިރު، 7.326 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 18،000 އިން މައްޗަށް އަރާފައެވެ.
ރޭ ކަރަންޓް ކަނޑާލައި މުވާސަލީ ހިދުމަތް ކަނޑާލީ އިޒްރޭލުގެ ޖަރީމާ ފޮރުވާ ގަތުލުއާންމުގެ މަންޒަރުތަކާއި އަޑުތައް ކަނޑުވާލުމަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވެއެވެ.