ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތްޕުޅަށް ތަސައްލީއެއް ހޯއްދެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ރޭ ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ އަންނަ އާދީއްތަ ދުވަހަކީ ޑިމޮކްރެޓުންނަށް ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. ސަބަބަކީ އެއީ ރައީސް ސޯލިހްގެ ހިތްޕުޅަށް ތަސައްލީއެއް ގެނައުމަށްޓަކައި އެމްޑީޕީގެ މެންބަރުން ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށް އެ މައްސަލައަށް ގޮތް ނިންމާ ދުވަސްކަމަށް މަޖިލީހުން ނިންމާފައި އޮތުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ ރިޔާސީ އިންތިހާބަކުން ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެހެން އެކަން ވާނަމަ އެފަދަ އިންތިހާބު ތަކުގައި ރައީސް ސޯލިހް ވާދަނުކުރެއްވުމަކީ ބުއްދިވެރިކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ "ކުޅޭ ކުޅޭ" އެއްޗަކަށް ހަދާފައި ކަމަށެވެ. އަދި އެއްދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އަނެއް ދުވަހު މައްސަލަ އަނބުރާ ގެންގޮސް އަނެއްކާ މައްސަލަ ވެއްދުމަކީ ތަހުޒީބީ، ކުރިއަރާފައިވާ މުޖުތަމައު ތަކުގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެގޮތަށް ކަން ކުރާތަން ބަލަން ދަ ޑިމޮކްރެޓްސްގެ މެންބަރުން ނުތިބޭނެ ކަމަށާއި ރައީސް ނަޝީދާމެދު ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ގާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ރައްޔިތުން މަޖިލީހުގެ ރައީސް ބޭރުކުރަން އެމެޑީޕީއިން މަސައްކަތް ކުރަނީ ހަގީގަތުގައި ގާނޫނު އަސާސީގައި އަދި ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި އޮތް ވާހަކަ ރަނގަޅަށް ނޭނގިގެން ކަމަށާއި ގާނޫނު އަސާސީ ރަނގަޅަށް އެނގޭނަމަ އެ މައްސަލަ ހުށަހަޅައިގެން މަސައްކަތް ނުކުރާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިބީ ކެތްތެރިކަމާ ވިސްނުންތެރި ކަމާއެކު ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އެމްޑީޕީއިން ބޭނުންވާ ގޮތަށް ނިންމުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެމްޑީޕީ ދަނީ އަނެއްކާވެސް ބޮޑުތަނުން ބަލިވާން ކަމަށެވެ.
ރައީސް ސޯލިހްއަކީ ނާގާބިލް ވެރިއެއް ކަމަށް ވިދާޅުވެ އާޒިމް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ދަރަނި ވޭތުވެ ދިޔަ 30 އަހަރަށްވުރެ ރައީސް ސޯލިހްގެ ދައުރުގައި މައްޗަށް ގޮސްފައިވުމާއި ޗާގޯސް މައްސަލަ ނިމިގެންދިޔަ ގޮތުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮވެ، ބޭނުން ގޮތަކަށް ކަންކަން ކުރަން ފުރުސަތު ލިބި ނުކުރެވުމުން ރައީސް ސޯލިހްގެ ނާގާބިލްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިއާޒިމު އެއްވެސް ވަރަކަށް ނުވިސްނައެވެ އާޒިމު ކުރިއަށް ފައިނެގި ކޮނަމެކަމެއް ހުއްޓެވީ ނަޝީދެވެ ޒާތީގޮތް ބޮޑުވުމުން ގެއްލުން ލިބޭނީ އެމީހަކަށެވެ މިކަންކަމަށް ވިސނާލުމަށް ދަންނަވަން