ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަންފަށާފައި ހުރި ކަންކަން، އިތުރަށް ފުރިހަމަކޮށް ކުރިޔަށް އޮތް ދައުރުގައި ވެސް ކުރިޔަށް ގެންގޮސްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ނިމިގެންދާ 5 އަހަރު ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިކަމަށާއި އެގޮންޖެހުންތަކާއެކު ވެސް މި 5 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުން ހާއްސަ ކަމެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ނައިބު ރައީސް ފާހަގަކުރެއްވިއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތައް ވެސް ނައިބު ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތަކާއި ކޮވިޑް-19އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ފުލުހުން އަދާކުރި ދައުރަށް ނައިބު ރައީސްގެ ވާހަކައިގައި ވަނީ އަލި އަޅުއްވާލައްވާފައެވެ.

ނައިބު ރައީސްގެ އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްގީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ވަކިން ހާއްސަގޮތެއްގައި ފައިސަލް ފާހަގަ ކުރެއްވިއެވެ.