އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާ އެކުގައި ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމި ކަންކަން ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ތްރީ ލައިން ވިޕެއް ނެރެފައިވާ އިރު، މަޖިލީހުގައި ދެން އެއްވެސް ކަމެއް ކުރިއަށް ގެންދަންވާނީ އެ ވޯޓަށް އެހުމަށް ފަހުގައި ކަމަށެވެ. އެ ވޯޓަށް ނާހައި ކުރިއަށް ގެންދާ ހުރިހާ ކަމަކީ ވެސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންކަން ކަމަށާއި އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ކުރިއަށް އޮތް އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުން ވެސް އަދި އެ ސަރުކާރުގެ ކެބިނެޓް ހުށަހެޅުން ވެސް، ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުދެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވާ ކަން މިއަދު ހާމަކުރައްވަމުން ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫއުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެއީ މަޖުބޫރު ވޯޓެއްގެ ގޮތުގައި ނިންމާފައިވާ ކަަމަށެވެ. އެހެންކަމުން އެމްޑީޕީ ޕީޖީ ގްރޫޕަށް ނިސްބަތްވާ ހުރިހާ މެންބަރުން މަޖިލީހަށް ހާޒިރުވެ ވޯޓު ދޭން ޖެހޭނެ ކަމަށް ނިންމާފައިވާ ކަަމަށް އަސްލަމް ވިދާޅުވިއެވެ.
49 މެންބަރުންގެ ސޮޔާ އެކު ނަޝީދު ވަކިކުރުމަށް އަލުން ހުށަހެޅި ގަރާރާ ގުޅިގެން، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ.
އެ ދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ އެދިފައެވެ. އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެއެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް 3 މިނެޓުގެ ފުރުސަތެއް ލިބޭނެއެވެ.
މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ނަޝީދުގެ ިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ. އެހެން އޮއްވާ އެ މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ދުވަސްވަރުގެ ތެރޭގައެވެ.
ޢަނގަފުޅާނުކޮށް އިތުބާރު ރައީސެއް ހަމަޖައްސަ ބަލަ މަޖިލީހުގަ ބާރު އޮތީ ކަލޭމެން އަތުގަ ނޫންބާ. މުއިއްޒު ހުވާކުރުމަށް ހުރަސްއަޅާ ސަރުކާރު އެކުލަވާލިޔަ ނުދޭން ފޫގަޅަނީ. މިކަހަލަ ނުލަފާ އެތިފަހަރެއް ރާވަން ވެގެނޭ މާހެޔޮ އެދިގެން ވެރިކަން ބަދަލުކުރުމުގެ ކަންތައް މިގެންދަނީ