މާރާމާރީއަކަށް ހިތްވަރު ދިން ކަމުގައި ތުހުމަތުގައި ފުލުހަށް ގެންދިޔަ އެމްޓީޑީގެ ކައުންސިލް މެންބަރު އަހުމަދު އަޝްރަފް (ޝުމްބާ) ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ނަން ހާމަ ނުކޮށް ފުލުހުން މިއަދު ބުނީ، ރޭ 10:05 ހާއިރު ކެނެރީ މަގުގައި މާރާމާރީއެއް ހިނގާ ކަމުގެ ރިޕޯޓު ލިބުމުން ސީން އަށް ގޮސް ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޝުމްބާ ނަމަވެސް އޭނާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވާ ރުކުރަން ގޮސް ހުއްޓާ ކަމަށާއި އޭނާ މާރާމާރީއެއް ނުހިންގާ ކަމަށެވެ.
އެ މީހާ [ޝުމްބާ] ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާ ކުރި މެސްޖެއްގައި ބުނެފައެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ޝުމްބާ ހައްޔަރު ކޮށްފައި ވަނީ ސިއްރު ކެމެރާ ހަރުކޮށްގެން ކުޑަކުދިންގެ ވީޑިއޯ ރެކޯޑްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު މަގުމަތިން ހިފަހައްޓައި އޭނާއަށް ބަޔަކު އަނިޔާ ކުރާ މަންޒަރު ކަވަރު ކުރަން އުޅުމުގެ ތެރޭގައެވެ. އަދި އެފަދަ ވީޑިއޯތަކެއް ރެކޯޑު ކޮށްފައި ވަނީ ސިފައިންގެ މީހެއް ކަމަށާއި އޭނާ ގައިގައި ދެލި އުނގުޅާފައި ހުއްޓާ ނަގާފައި ހުރި ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެށް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝުމްބާ ވަނީ ހައްޔަރު ކޮށްފައެވެ. އޭރު ސްރީލަންކާގެ ކޮލަމްބޯ އިން އޭނާ ހައްޔަރު ކޮށްފައި ވާއިރު އޭނާ ހައްޔަރުކުރީ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި 'ފިނިފެންމާ' ލޯންޗު ގޮއްވާލި މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.
ޝުމްބާ ހައްޔަރު ކޮށްގެން މާލެ ގެނެސް އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓިއެވެ. އެއަށްފަހު، އޭނާ ގޭބަންދަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ މާޗް އެއްވަނަ ދުވަހެވެ. ޝުމްބާ ގޭ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.