ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑީއާ އޮފިޝަލު ނިޝާން މުހައްމަދު ވިދާޅުވީ ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް އޭސީސީއިން ތަހުގީގު ކުރަމުންދާތީ، އެ އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހައި ކަންކަން މަޑުޖައްސާލުމަށް އެ ކޮމިޝަނުން އަންގާފައި ވާނެ ކަމަށެވެ.

އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަފްސީލްއެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ.

ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012 ގައެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް އެއްކޮށް ނިމިފައެއް ނުވެއެވެ. އެ މަޝްރޫއުގެ ދަށުން އަޅާ ފުލުހުންގެ ފްލެޓްތަކުގެ ތިން ޓަވަރުގައި އެޕާޓްމެންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ އަކާއި ކޮމާޝަލް އޭރިއާއެއްގެ އިތުރުން މަލްޓި ޕާޕަސް ހޯލެއް ހިމެނެއެވެ.

ޕޮލްކޯގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ 2012 ވަނަ އަހަރު ނޫމަޑި ކުންފުންޏަށެވެ. އަދި 2016 ގައި އެ މަޝްރޫއުގެ މަސައްކަތްތައް އައިލެންޑް އެކްސްޕާޓްސް އާ ހަވާލުކޮށް 5 އަހަރުވީފަހުން 2021 ވަނަ އަހަރު އެ މަޝްރޫއު ވަނީ އަމީން ކޮންސްޓަރަކްޝަންސްއާ ހަވާލުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއީ ސަރުކާރުތަކުން ނެއްޓިގެން ލައްގަމުން އައި މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެފައެވެ.