ފަލަސްތީނުގެ ގާޒާގައި، ހައްދުފަހަނަޅާފައިވާ އިޒްރޭލުން ހިންގަމުން ދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމަށް ގޮވާލާ، ޕެޓިޝަނެއްގައި ސޮއިކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ޕެޓިޝަނަކީ ދިވެހިރާއްޖޭގެ ސާފާސް އެސޯސިއޭޝަންގެ އިސް ނެގުމާއެކު އެމްބީބީއޭ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ. ސާފާސް އެސޯސިއޭޝަން އިން ބުނީ މި ޕެޓިޝަނުގައި މައިގަނޑު ތިން ކަމެއް ހުއްޓުވައި ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

މި ގޮތުން އެއްވެސް ބޭނުމަކަށް އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްދިނުމަށް އެދިފައިވާއިރު މީގެ ކުރިން ރާއްޖޭގައި ރާޅާ އެޅުމުގައި އުޅުނު ފަރާތްތަކަށް އިޒްރޭލުގެ މީހުންގެ ފަރާތުން ލިބުނު އަނިޔާތަށް ބަލައި ދިނުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ސާފިން ކޮމިއުނިޓީއަށް އިޒްރޭލުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އަނިޔާތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށްވެސް ވަނީ އެދިފައެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ޕެޓިޝަނުގައި ސޮއިކުރުމަށް ހުޅުވާލާއިރު މި ޕެޓިޝަނަށް ދިވެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް، މިކަން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވަމުން އަންނައިރު އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މީގެ ކުރިން ވިދާޅުވީ ޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމާމެދު ގޮތް ނިންމާނީ ރައްޔިތުން ބޭނުންވާގޮތައް ކަމަށެވެ.