ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކުރި އިޒްރޭލުގެ އިތުރު ދެ އަސީރަކު ރޭ ދޫކޮށްލި އިރު، އެ މީހުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ.
ހައްދުފަހަނަޅާފައިވާ އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ކުދިންނެއް ޔަތީމުވެ، އެތައް އަންހެނުންނަށް ހުވަފަތްވަމުން ދާއިރު އެ ހަމަލާތަކުގައި މަރުވާ ކުޑަކުދިންނާ، މުސްކުޅިންނަށްވެސް ބެލުމެއް ނެތެވެ. އިޒްރޭލުން ގާޒާއަށް ދެމުން ދާ ހަމަލާތަކުން އެމީހުންގެ ހައްދުފަހަނަޅާފައިވާ މިންވަރު ހާމަވެގެން ދާއިރު މުސްލިމުން އަންނަނީ ހަނގުރާމައިގެ މައިދާނުގައިވެސް އިންސާނިއްޔަތުކަން އިސްކުރަން ޖެހޭ ކަން ހާމަކޮށްދެމުންނެވެ.
މި ގޮތުން މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ބޯޑަރުކައިރިން 222 މީހުން ރަހީނުކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު، ހަމާސް އިން ރަހީނުކޮށްފައިވާ އެމެރިކާއަށް ނިސްބަތްވާ ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން އިޒްރޭލުގެ އާންމު ރައްޔިތުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ޔޯޗެވް ލިފްޝިޓްޒް(79 އަހަރު)، ނޫރިޓް ކޫޕާ (85 އަހަރު) ހަމާސް އިން ރޭ ދޫކޮށްލާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކު، މުސްލިމުން މިވަނީ އަނެއްކާވެސް ނަމޫނާ ދައްކާފައެވެ. ހަމާސް އިން މި ދެ އަސީރުން ދޫކޮށްލުމަށް ނިންމުމުންވެސް، އިޒްރޭލުން ފުރަތަމަ މި ދެމީހުންނާ ހަވާލުވުމަށް ދެކޮޅު ހެދިއެވެ.ނަމަވެސް ފަހުން މި ދެމީހުންނާ އިޒްރޭލުން ވަނީ ހަވާލުވެފައެވެ.
ހަމާސް އިން މި ދެމީހުން މިނިވަންކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯ އިން މުޅި ދުނިޔެއަށްވެސް މެސެޖެއް ވަނީ ދޫކޮށްލާފައެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ އަންހެން މީހާ ހަމާސް އިން މިނިވަންކުރާ ވަގުތު ރެޑްކްރޮސް މީހުންގެ އެހީތެރިކަމާއެކު ހިނގައި ގަންނަމުން އެ އަންހެން މީހާ އެބުރި ފަލަސްތީނުގެ މުޖާހިދީންނަށް ބަލާލައެވެ. އަދި އޭގެ ތެރެއިން މީހަކާ ސަލާންކޮށްލުމަށްފަހު 'ޝާލޯމް' (ޕީސް) އޭ ބުނެލައެވެ.
މި ވީޑިއޯއަށް ބަލާލި ކޮންމެ މީހަކަށްވެސް ލިބިގެން ދިޔައީ އެންމެ މެސެޖެކެވެ. ހަމާސް އިން މިނިވަންކުރި އަންހެންމީހާގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްކަމެއް ބިރުވެރިކަމެއް ފެންނާކަށް ނެތެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާ މެދު އެމީހުން އިންސާނިއްޔަތާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާކަމެވެ. ހަނގުރާމައިގެ މައިދާނުގައިވެސް އަންހެނުންނާ މުސްކުޅިން، އަދި ހައްޔަރުކޮށްފައިވާ އަސީރުންނާ މެދު އެއްވެސް ކަހަލަ ބާރުގެ ބޭނުމެއްކޮށް އަނިޔާއެއް ކޮށްފައި ނުވާކަމެވެ.
ކޮންމެ ދުވަހަކު އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއެކުވެސް ހަމާސްއިން ބުނީ މި ދެ އަސީރުން ދޫކޮށްލީ އިންސާނީ އެހީއަށް އިތުރަށް ބާރު އެޅުމުގެ ގޮތުންކަމަށެވެ.
ހަމާސްއިން ދޫކޮށްލި ދެ އަސީރުން އެމީހުންގެ އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް މިހާރުކުރަމުން އަންނައިރު ރެޑްކޮރެސް އިން ބުނީ އެ ދެމީހުންނަށް ބޭނުންވާ ކުއްލި ސިއްހީ ފަރުވާގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ.