އެމްޑަބްލިޔުއެސްސީ އިން އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.

އެބްޑަބްލިޔުއެސްސީއިން ބުނީ އެ މަޝްރޫއުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް މި މަޝްރޫއުގެ ދަށުން އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ.

އެބްޑަބްލިޔުއެސްސީއިން އިތުރަށް ބުނީ އެ މަޝްރޫއުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ޕްލޭނިން މިނިސްޓްރީ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އެ ރަށަށް ގޮސްގެންނެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާއެވެ.