މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ފޯމް ހުށަހެޅުމަށް 1 މަހުގެ މުހުލަތެއް ދީފައި ވާއިރު މާދަމާގެ 15:00 އަށް އެ ފުރުސަތު ހަމަވާނެއެވެ.
ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގިރާވަރު އުތުރުފަޅުން 4000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުން 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. އަދި އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1،250 އަކަފޫޓެވެ.
އަދި ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭއިރު، 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4,000 އަކަފޫޓެވެ.
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
1- މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން.
2- މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން.
3- ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން.
4- ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި، ދޫކޮށްލުމަށް އެއްބަސްވުން.
5- ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ 5 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން ހިމެނެއެވެ.
ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައިވުމާއެކު އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ.
މީގެ އިތުރުން މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ. އަދި އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މިދިޔަ އޮގަސްޓްމަހުވެސް ވަނީ 18،948 ފަރާތަކަށް ބަންޑާރަ ގޯތި ދީފައެވެ. އެގޮތުން ގުޅިފަޅުން 2،218 ގޯތި ދޫކުރުމުގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.
މިތިބަ މީހުން ފލެޓް ގޯތި ކިޔަކިޔާ ތިބެނީ. 5 ނިވެމްބަރ ގެ ކުރިން ކިހިނެތް ކަލޭމެން ގޯތި ހަވާލުކުރާނީ. ކޮބާ ފްލެޓް ދާއިމީ ލިސްޓް އަންނަ ހަފްތާ އަންނަ ހަފްތާ ކިޔާފަ ފަހުން ބުނީ ޕޯޓަލް ބަލަން. ފްލެޓް ލިބުނު މީހުން ފައިނަލް ލިސްޓުން ބަލަން ބޭނުންވާނެ.