ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދުގެ ފިލްމު ކުންފުނި ނިއުޒޯ ފިލްމްސް އިން މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތް ފިލްމު "ކަޅަކި"ގެ ފަހު ޝޯ މާދަމާ ރޭ ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ މި ފިލްމަކީ ބިރުވެރި ޖޯންރާ އަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ޔޫއްޕެ ގެ އިތުރުން ލަހުފާ، ވާޝިޔާ، އާމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި އަލީ ސީޒަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލަންކާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ފަހު ޝޯ މާދަމާ ރޭ އަޅުވަން ނިންމާފައިވާއިރު ހުކުރު ދުވަހުގެ ރޭ އެޅުވި ޝޯ އިން ލިބުނު އާމްދަނީ ވަނީ ފަލަސްތީނަށް ހަދިޔާވެސް ކޮށްފައެވެ. މި ފިލްމަކީ އެކުވެރި ގްރޫޕުގަނޑެއް މަޖާކޮށްލަން ޗުއްޓީ ދުވަސްވަރު ދާ މަންޒިލުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިދަތުރުގައި އާދަޔާ ހިލާފު އެތައް ކަންތައްތަކެއް އެކުވެރިންނަށް ކުރިމަތިވެގެން ދާއިރު ސިއްރުން ފުރިގެންވާ ކަންތައްތަކެއްވެސް އެމީހުންނަށް އެނގިގެންދާނެ ފިލްމެކެވެ. ބިރުވެރި ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ އެކުވެރިންތަކެއްގެ ޗުއްޓީ ހަރާބު ކޮށްލާނެ ފިލްމެކެވެ.

"ކަޅަކި"ގެ ފަހު ޝޯ މާދަމާރޭ އޮލިމްޕަހުގައި އަޅުވަން ނިންމި ނަމަވެސް މި ފިލްމު އަންނަ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި އަޅުވަން ވަނީ ނިންމާފައެވެ. އަދި މި ރަށަށް ނިއުމާ އާއި ލަހޫވެސް ދާން ހަމަޖެހިފައިވާއިރު މި ޝޯގެ ޓިކެޓް ގަނެގެން މިދެތަރިންނާއެކު ސެލްފީ ނެގުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 9515863 އަށް ގުޅޭނެއެވެ.