2019 ވަނަ އަހަރު ދިވެހި ފިލްމު "ބަވަތި" އިން ދިވެހި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާ ފިލްމެއް އިއުލާންކޮށްފިއެވެ.

އައިފިލްމްސްގެ ފުރާޅުގެ ދަށުން ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމަކީ "ކަންބަޅި" އެވެ. ދިވެހި ފިލްމު ބަވަތި އިން ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދުމަށްފަހު އިއްލެ ވަނީ އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު "ނީނާ" މި އަހަރު ގެނެސްދީފައެވެ. އަދި އެ ފިލްމު ވެގެންގޮސްފައިވަނީ މިއަހަރު ސިނަމާއަށް އައި އެންމެ ރީތި ފިލްމަށެވެ. ދިވެހި ފިލްމު "ކަންބަޅި" ޑައިރެކްޓްކުރަނީ އިއްލެ އާއި އަހްމަދު އިފްނާޒް ފިރާގެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. ބިރުވެރި ޖޯންރާ އަކަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) ފެނިގެންދާނެއެވެ.

ބޮޑު ކާސްޓަކާއެކު ފެނިގެންދާ މި ފިލްމުގެ ވާހަކައަކީ އިއްލެގެ ސްކްރިޕްޓެކެވެ. ފިލްމުގެ ފަސްޓްލުކް ރޭ ދައްކާލާފައިވާއިރު މި ފިލްމު އަވަސް މުސްތަގްބަލެއްގައި ފެންނާނެ ކަމަށް އައިފިލްމްސް އިން ބުނެއެވެ.