ލުބުނާނުގައި އިޒްރޭލާ ވީ ފަޅީފައި ހަރަކާތްތެރިވާ ހިޒުބުއްލޯ ޖަމާއަތުން މިހާރު ކުރިއަށް ދާ އިޒްރޭލް، ހަމާސް ހަނގުރާމައަށް ވަދެއްޖެ ނަމަ "ބޮޑު ހަރުފައިގެ ބޯ ކަނޑާލާނެ" ކަމަށް ބުނެ އިޒްރޭލުން އީރާނަށް އިންޒާރު ދީފިއެވެ.

އިޒްރޭލުގެ އިގްތިސޯދީ ވަޒީރު ނީރް ބަރްކަތު ބުނީ، ހިޒްބުއްލޯ އަކީ އީރާނުން މަދަދުދޭ ޖަމާއަތެއް ކަމަށާއި، އެ ހަނގުރާމައަށް ހިޒުބުއްލޯ ވަދެއްޖެ ނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށެވެ. އަދި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް އިޝާރާތް ކޮށް ބުނީ އެއީ "ބޮޑު ހަރުފަ" ކަމަށާއި އޭނާގެ ވަސް މިދުނިޔޭން ފުހެލާނެ ކަމަށެވެ.

އޭނާގެ އިތުރުން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ނެޝަނަލް ޔުނިޓީ ޕާޓީގެ މެންބަރު ޝަރެން ހަސްކެލް ވެސް ވަނީ އެމޭރުމުން ވާހަކަ ދައްކާ އީރާނުގެ ބޯ ކަނޑާލަން ޖެހޭ ކަމަށް ބުނެ ހަމާސްގެ ވަސްވެސް ފުހެލާނެ ކަމަށް ބުނެފައެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ ފަލަސްތީން މީހުން ދައުލަތެއް ބޭނުން ވެގެން ނޫޅޭ ކަމަށާއި އެމީހުން އުޅެނީ އިޒްރޭލުގެ ޔަހޫދީ ދައުލަތް ނެތިކޮށްލުމަށް ކަމަށެވެ.

ނިޔަތް ނުބައި ޔަހޫދީ އިޒްރޭލުން މި މޭރުމުން ވާހަކަ ދައްކާފައި ވާ އިރު އިޒްރޭލުން ރޭ ވަނީ ލުބުނާނުގައި ގާއިމުވެ ތިބޭ ހިޒްބުއްލޯ އަށް އަމާޒު ކޮށް ވަރުފަދަ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި ފަރުބަދައެއް ގޮވާ ފަދައިން އަލިފާންގަނޑު އަރައިގެން ދާ މަންޒަރުގެ ވީޑިއޯ ކްލިޕްތައް އާންމު ވެފައި ވާ އިރު، އެ ހަމަލާގެ ފުޅާ މިނާއި ހަމަލާ ދިނީ ސީދާ ކޮންތަނަކަށް އަމާޒުކޮށް ކަމެއް އިޒްރޭލުން ބުނެފައެއް ނުވެއެވެ. ނަމަވެސް އަސްކަރީ އެކްސްޕާޓުން ބުނެފައި ވަނީ އެ ހަމަލާ އަމާޒުވެފައި ވަނީ ހަތިޔާރު ރައްކާ ކޮށްފައި ހުރި ގުނަކަށް ކަމަށާއި އެހާ ބާރު އަދި ވަރުގަދަ ގޮވުމެއް އެ ގޮވީ އެހެންވެގެން ކަމަަށެވެ.

ހަނގުރާމައަށް ނުވަނުމަށް އިޒްރޭލުން ހިޒްބުއްލޯ އަށް އިންޒާރު ދީފައި ވާ އިރު އެޖަމާއަތާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ، އެމީހުން މިހާރު ތިބީ ހަނގުރާމައިގެ މެދުގައި ކަމަށެވެ. އަދި އިޒްރޭލުން ގާޒާއަށް އަރައިގެންފި ނަމަ ނަތީޖާ ހިތިވާނެ ކަމަށެވެ. އީރާނުންވެސް މިމޭރުމުން ކުރިން ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން އެގައުމުގެ ހާރިޖީ ވަޒީރު ހޮސައިން އަމީރު އަބްދުއްލޯހައިން ވިދާޅުވީ ލުބުނާނުގެ ހިޒުބުއްލޯ އިން ހަނގުރާމަ އަށް ވަދެއްޖެނަމަ, 'އާތްކްއޭކް އެއް' [ބިންހެލުމެއް] އަންނާނެ ކަމަށެވެ. އަދި އޭނާ ހިޒުބުއްލޯގެ ލީޑަރު ސއްޔިދު ހަސަން ނަސްރުالله އާ ބައްދަލުކުރައްވައިފި ކަމަށާއި އެ ޖަމާއަތުން އޮތީ ހަނގުރާމައިގެ ހުރިހާ ހާލަތަކަށް ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ޔަހޫދީން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެމެރިކާގެ މަދަދާއެކު އިޒްރޭލުން ގާޒާގެ އިތުރުން ހިޒުބުއްލޯ އާ ދެކޮޅަށް ވެސް ތައްޔާރުވަމުން ދާ އިރު ލުބުނާނާ ގުޅޭ އުތުރު ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ 23،000 މީހުން އެހެން ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އިޒްރޭލުން ވަނީ ފަށާފައެވެ. މިހާތަނަށް 28 ކޮމިއުނިޓީއެއް މިހާރުވެސް ވަނީ އެ ސަރަހައްދުން ބާލައި ދުރަށް ގެންގޮސްފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 14 ކޮމިއުނިޓީއެއް ބާލައި އިޒްރޭލު ސަރުކާރުން ހަދައިދީފައި ވާ ޓެންޓްތަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލުބުނާނުގެ ބޯޑަރާ ގާތްގަނޑަކަށް 2 ކިލޯމީޓަރެއްހާ ދުރުމިނުގައި ދިރިއުޅޭ އެ އާބާދީގެ ބައެއް މީހުން އެކަމާ ރުޅިގަދަވެ އިޒްރޭލުގެ ބޮޑުވަޒީރަށް އެއްޗެހި ގޮވާ ހަދާފައި ވާ އިރު ބައެއް މީހުން ބުނީ، ނަތަންޔާހޫ އަށް ވޯޓު ދިނީ މި ދުވަސް ދެކެން ނޫން ކަމަށާއި، އެމީހުން ބަދަލުކުރާ ވަގުތީ ޓެންޓްތަކަކީވެސް ވަކިން ރައްކާތެރި ތަންތަން ނޫން ކަމަށެވެ. އަދި އެއަށް ވުރެ އެމީހުން މިހާރު ދިރިއުޅޭ ކޮމިއުނިޓީތައް މާ ރައްކާތެރި ކަމަށް ބުނެ ބައެއް މީހުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

ވަށައިގެން އަތުވާނެ ކޮންމެ ހަމަލާއަކަށް އިޒްރޭލުން މިހާރު ތައްޔާރު ވަމުން ދާ އިރު އެމެރިކާއިން ވަނީ މިސައިލްތަކުން ދިފާއުވާ ވަރުގަދަ ނިޒާމުތައް އިޒްރޭލަށް ގެންދަން ފަށާފައެވެ. އެ ނިޒާމުތަކުގެ އެހީގައި ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާގެ މިސައިލްތައް ވައްޓާލެވޭނެ ކަމަށް ބުނެއެވެ.

ލުބުނާނުގައި އޮތް ހިޒުބުއްލޯ އަކީ ގާޒާގައި ހަރަކާތްތެރިވާ ހަމާސް އާ ހިލާފަށް ބިމުން ބިމަށް ފޮނުވާ މިސައިލާއި އެނޫންވެސް އަސްކަރީ ސާމާނު ހުރި އަދި ޒަމާނީ ބައެއް ޓެކްނޮލޮޖީވެސް ބޭނުން ކުރާ 100،000 މީހުން ހިމެނޭ ވަރުގަދަ ފޯސް އެކެވެ. އަސްކަރީ ވެބްސައިޓުތަކުން ބުނާ ގޮތުން އެމީހުންގެ އަތުގައި ބިމުން ބިމަށް ފޮނުވާ ޒާތުގެ 100،000 މިސައިލް ވެސް އެބައޮތެވެ. އަދި ޑްރޯން އާއި އެނޫންވެސް ޒަމާނީ އުޅަނދުތައް އެބަހުއްޓެވެ.

އީރާނަކީ 1 މިލިއަނަށް ވުރެ ގިނަ ސިފައިން ހިމެނޭ ވަރުގަދަ އަސްކަރީ ފޯސް އެކެވެ. އެތައްހާސް ޓޭންކަކާއި އަސްކަރީ މަތިންތާބޯޓު ހިމެނޭ ފަރުގަދަ ލަޝްކަރެކެވެ.