ޔޫކްރައިން ހަނގުރާމައިގައި ރަޝިއާ އާއި ޔޫކްރައިން އިން ވެސް ޑްރޯން ބޭނުން ކުރުން އިތުރު ކޮށްފައި ވާ އިރު، ގިނަ ހަމަލާތައް ކާމިޔާބު ކޮށްފައި ވަނީ ވެސް ޑްރޯން ބޭނުން ކޮށްގެންނެވެ.

އޭގެ ތެރެއިން ގިނަ ޑްރޯން އަކީ ޗައިނާގެ އުފެއްދުން ކަމަށް ވާއިރު، ޑްރޯން އެކްސްޕޯޓް ކުރުމުގައި ޗައިނާއިން ވަނީ ފިޔަވަޅުތަކެއް އަޅާ ޑްރޯންގެ ސަޕްލައި ހަރުކަށި ކޮށްފައެވެ. އެއާއެކު އެއްކޮށް ހުންނަ ޑްރޯން އާއި ޑްރޯން އުފެއްދުމަށް ބޭނުންވާ ސަޕްލައި ދެ ގައުމަށް [ރަޝިއާ އާއި ޔޫކްރައިން] އަށް ލިބުމުގައި ދަތިތަކެއް ދިމާވާނެއެވެ.

ހަބަރުތައް ބުނާގޮތުން ޔޫކްރައިން އިން މަހެއްގެ މައްޗަށް 10،000 ޑްރޯން ބޭނުން ކުރެއެވެ. އެއްގައުމުން އަނެއް ގައުމުގެ ގިނަ ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލައި ވައްޓާލާ އިރު ޔޫކްރައިން ހަނގުރާމައިގައި މިހާރު އެންމެ އިފެކްޓިވް [ކާމިޔާބު] އެއް ހަތިޔާރަކަށް ބޭނުން ކުރަނީވެސް ޑްރޯނެވެ. ގިނަ ޑްރޯން ދިފާއީ ނިޒާމުގެ އަތުގައި ނުޖެހި ދުޝްމަނުންގެ މަގާމުތަކަށް ވެއްޓި ގޮވައެވެ. ބޮޑެތި ގެއްލުންތައް ދެފަރާތަށް ވެސް ލިބެމުން އަންނަ އިރު، ޒަހަމްވެ އަދި ފުރާމަ ގެއްލިދާ ސިފައިންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ.

ޔޫކްރައިން އިން ޗައިނާ، ތުރުކީ އަދި އެމެރިކާ އާ ހުޅަނގުގެ ބައެއް ގައުމުތަކުގެ އަސްކަރީ ޑްރޯން ބޭނުން ކުރާ އިރު ރަޝިއާއިން ގެންގުޅެނީ އީރާނުގެ އުފެއްދުމެކެވެ.

ޗައިނާއިން އެކްސްޕޯޓް ކުރުން މަޑުޖައްސާލައި ފިޔަވަޅު އަޅާފައި ވަނީ ދުރު ރޭންޖް ލިބިފައިވާ 4 ކިލޯގެ ޑްރޯން އާއި ޑްރޯން އުފައްދަން ބޭނުންވާ ބައެއް ޓެކްނޮލޮޖީއާއި، އޭގެ ކެމެރާ އާއި ރޭޑިއޯ މޮޑިއުލްތަކެވެ.

އާންމު ބޭނުންތަކަށް ބޭނުން ކުރާ ޑްރޯން ގަނެގެން އެ މޮޑިފައިކޮށްގެން ވެސް ހަނގުރާމައިގައި ބޭނުން ކުރާ އިރު ޗައިނާއިން މި އެޅި ފިޔަވަޅާއެކު ޑްރޯން އެކްސްޕޯޓް ކުރާ ފަރާތްތަކުން ހާއްސަ ލައިސަންސެއް ހޯދަން ޖެހެއެވެ. އަދި ގަންނަ ފަރާތް އެނގޭނެ ލިޔެކިޔުންތައްވެސް ހަމަކުރަން ޖެހޭނެއެވެ.

އެންމެ ގިނައިން ޑްރޯން އުފައްދާ އެއް ވިޔަފާރި ކުންފުނި ކަމަށް ވާ ޑީޖޭއައި އިން ވެސް ވަނީ ރަޝިއާ އާއި ޔޫކްރައިން އަށް ޑްރޯން ވިއްކުން ހުއްޓާލާފައެވެ. އަދި ޑީޖޭއައި ގެ ޑްރޯންތައް ރަޝިއާ އާއި ޔޫކްރައިންގެ ކަސްޓަމަރުންނަށް ވިއްކުންވެސް އެކުންފުނިން ވަނީ ޑިސްޓްރިބިއުޓަރުންނަށް މަނާ ކޮށްފައެވެ.