ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނުގައި މި އަހަރު 149 ދަރިވަރުން ބައިވެރިވެ އިމްތިހާނު ފުރިހަމަކޮށްފިއެވެ.

ބާ ކައުންސިލުން ބުނީ، މާލޭގައި ބޭއްވި އެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 99.33 ޕަސެންޓު ދަރިވަރުން އިމްތިހާނަށް ހާޒިރުވެފައިވާ ކަމަށެވެ.

ބާ އިމްތިހާނު ފަރުމާކޮށްފައިވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސި ވިލާތުގެ ސޮލިސިޓާސް އިމްތިހާނު ކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑާ ގުޅިގެން ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާކައުންސިލުން ބުނީ، މި އިމްތިހާނަކީ ރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށްދޭ ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް" ކަނޑައަޅާ އިމްތިހާނު ކަމަށެވެ.

މި އިމްތިހާނަކީ އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކުރި 120 މަލްޓިޕްލްޗޮއިސް ސުވާލުގެ އިމްތިހާނެއް ކަމަށާއި މިއިމްތިހާނުގެ ސުވާލުތައް އަމާޒުކޮށްފައިވަނީ މައިގަނޑު 6 ދާއިރާއެއް ކަމަށްވާ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއަށް ކަމަށް ބާ ކައުންސލިން ބުނެއެވެ.

ބާ ކައުންސިލުން އިތުރަށް ބުނީ، މިހާރު ބާ އިމްތިހާނުގައި ރާއްޖޭގައި ގާނޫނީ ފަންނުގެ މައިގަނޑު 6 ދާއިރާއަކަށް އަމާޒުކޮށް ސުވާލުތައް ބައްޓަންކުރި ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން އިމްތިހާނަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. ސަބަބަކީ ގާނޫނީ ދާއިރާގެ ތައުލީމުގެ އެންމެ ކުޑަ މިންގަނޑުކަމަށް 2020 ވަނަ އަހަރު ބާ ކައުންސިލުން ކަނޑައެޅި މިންގަނޑަށް ކިޔެވި ފުރަތަމަ ދަރިވަރުން އެއިރަށްވާއިރަށް ދަސްވެނިވެފައިވާނެތީ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ރާއްޖޭގައި ބާ އިމްތިހާން އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ. 173 ދަރިވަރުން ބައިވެރިވި އެ އިމްތިހާނުގެ އެވަރެޖް މާކުހަކީ 66 ޕަސެންޓެވެ. ބާ ކައުންސިލުން ބުނީ، މިދިޔަ އަހަރުގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 73 ދަރިވަރަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށް، ވަކީލު ކަމުގެ ހުއްދަ ހޯދާފައިވާ ކަމަށެވެ.