އޮކްޓޯބަރު 13 ވީ ހުކުރު ދުވަހު ފްރީލާންސް ފޮޓޯގްރާފަރު ސަމޭހް މުރާދުގެ ހަޔާތުގެ އެންމެ ނުރައްކާތެރި ވަގުތު ގައި ހުރީ އަލް ޝިފާ ހޮސްޕިޓަލުގައެވެ.
އުމުރުން 29 އަހަރުގެ ސަމޭހްގެ އަންހެނުންނާއި ދަރިންނާއި މަންމަ އަދި އެއްބަނޑު މީހުން ގާޒާ ސިޓީން ފިލައިގެން ދިޔައީ ޕިކަޕް ޓްރަކެއްގެ ފުރަގަހުގައެވެ.
އޭނާގެ އަންހެނުން ދީނާ ތާހެރު މަރުވީ، ފިލައިގެން ދިޔަ އާންމުންގެ ގާފިލާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައެވެ.
"އެއީ އަހަރެންގެ ހަޔާތުގެ ލޯބިވެރިޔާ. ދުވަހަކުވެސް އެކަހަލަ މީހަކާ ދިމާވާނެ ހެނެއް ހިޔެއް ނުވޭ."
"ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނިން. އެކަމަކު ދެން ލިބުނު ހަބަރަކީ ދީނާއާ ކައިވެނި ކުރުމަށް އެދި ދީނާގެ އާއިލާއަށް އެހެން މީހަކު ހުށަހެޅި ހަބަރު. 2021 ވަނަ އަހަރު އަހަރެން ދީނާގެ އާއިލާ އަހަންނާމެދު ގަބޫލު ކުރުވީ ވަރަށް ބުރަ މަސައްކަތުން."
ދެ އަންހެން ދަރިން ކަމަށްވާ 22 މަހުގެ މާޔާރާއި ތުއްތު މިރްނާގެ ސަލާމަތާ މެދު ދީނާ އަބަދުވެސް ކަންބޮޑުވާ ކަމަށް ސަމޭހް ބުންޏެވެ.
ސަމޭހް ބުނީ އެދުވަހު އިޒްރޭލުން އެންގީ އުތުރު ގާޒާ ސަރަހައްދު ހުސްކުރުމަށް ފަހު ދެކުނަށް ދިއުމަށް ކަމަށެވެ. ދީނާވެސް ދުށީ ދަރިންގެ ސަލާމަތަށްޓަކައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ދީނާ އަކަށްވެސް ސީދާ ޔަގީންކަމެއް ނެތް އެއީ ރަނގަޅު ގޮތެއް ކަމަށް. އެކަމަކު ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ދިޔައީ. އަހަރެން މަޑުކުރީ އަލް ޝިފާ ހޮސްޕިޓަލުގައި އެހެން ނޫސްވެރިންނާއެކު މަސައްކަތް ކުރުމަށް."
ނަމަވެސް ފިލައިގެން ދިޔަ މީހުންނަށް އަމާޒުކޮށް އިޒްރޭލުން ވަނީ ބޮމުގެ ހަމަލާތައް ދީފައެވެ. 70 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމަލާދިން އެއް ޓްރަކުގައި އޭނާގެ އާއިލާ ތިބި ކަމަށާއި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ޝިފާ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑު އިވުމުން ސަމޭހް ވަރަށް ބޮޑަށް ރުޅިގަދަވި ކަމަށް އޭނާ ބުންޏެވެ.
ފަސިންޖަރު ކާރަކުން އޭނާގެ އާއިލާ އަނބުރާ އަލް ޝިފާ ހޮސްޕިޓަލަށް ގެނައެވެ. ސަމޭހް ދުވެފައި ގޮސް ކާރަށް އެރުމަށް ފަހު އޭނާގެ އަންހެން ދަރިންގެ އަތުގައި ހިފަހައްޓާލިއެވެ.
ދެން އޭނާއަށް އެނގުނީ ދީނާ ކާރުގައި ނެތްކަމެވެ.
"އެމްބިއުލާންސްތަކުން ޝަހީދުވި މީހުން ގޮވައިގެން ދަނީ އެހެން ދޮރަކަށް. އެހިސާބުން އަހަންނަށް އެނގިއްޖެ ދީނާ ޝަހީދުވެއްޖެކަން."
ސަމީހުގެ މަންމަ، އުމުރުން 47 އަހަރުގެ ސަމާހު މުރާދު މަސަމީހު ވަނީ ގާފިލާއަށް ހަމަލާދިން ފަހުން އަލް ޝިފާގައި މަޑުކޮށްފައެވެ. ބޮމުގެ ހަމަލާގައި އަނިޔާވި އޭނާގެ ދައްތަ އާއި ސަމޭހްގެ ބޭބެ ވަސީމް ބަލަހައްޓަނީ އޭނާއެވެ.
ސަމޭހް އާ އެއްތަނެއްގައި ހުރުމުން އޭނާގެ މަސައްކަތަށް ބްރޭކެއް ލިބޭ ކޮންމެ ފަހަރަކު ދަރިން ހޯދަން ގޮސް އަންހެން އެކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންނާ ސަކަރާތް ޖަހާ ހަދައެވެ.
އަދި އެކަމުގެ ސަބަބުން އޭނާއަށް ވެސް ފަސޭހަވާކަމަށާއި އޭނާގެ އަންހެން ކުދިން ކައިރީގައި ތިބޭތީ ބިރުވެރި އަޑެއް އިވޭ ކޮންމެ ފަހަރަކު އެ ކުދިން ހޯދަން ގޮސް ހާލު ބަލަން ފަސޭހަ ކަމަށް ސަމޭހްގެ މަންމަ ބުންޏެވެ.
ޝުޖާޔާ ކައިރީގައި އޮންނަ ގާޒާ ސިޓީން އެމީހުން ނުކުތީ ވަރަށް މަދުން ކަމަށާއި މަގުމަތީގައި ތިބި މީހުން ގާފިލާ އަށް އެނބުރި ދިއުމަށް އިންޒާރު ދޭން ފެށީ އެހެން މީހުން ޝަހީދު ކޮށްލާފައިވާ ކަމުގެ އަޑު އިވިފައިވާތީ ކަމަށް އޭނާ ބުންޏެވެ.
"އެއީ ވަރަށް ބިރުވެރި ވަގުތެއް. އަހަރެންގެ ދަނބުދަރީގެ ނިއްކުރިން ލޭތައް އަންނަމުން ދިޔަ. އޭނާގެ މޫނު އަނބުރާލުމުން އަހަންނަށް ފެނުނީ އެއް ލޯ ނެތްކަން. އަހަންނަށް ހަޅޭއް ލަވަން ފެށުނު. ހިތްވަރުކުރުމަށް ނަސޭހަތް ދިނިން. އެމްބިއުލާންސަށް ގުޅައިގެން އެތަނުން ގޮވައިގެން ނުކުންނާނަމޭ އަހަރެން ބުނިން."
"ދެން ދަރިފުޅު ވަސީމް ހަޅޭއްލަވަން ފެށީ ފައިގައި ޒަހަމްތަކެއް ވެއްޖެއޭ ކިޔާފައި. އޭރުވެސް ހަމަލާތައް ދެމުން ދިޔަ. މަރުވެފައި އަދި ޒަހަމްވެފައިވާ މީހުންތައް ތެރެއިން އަހަރެންގެ އަންހެން ދަރިފުޅަށް އަހަރެން ގޮވިން. އަދި ދުވޭ އެންމެ ބާރަކަށް މިތަނުން ދުވެފައި ދިޔުމަށް އަހަރެން ބުނިން"
"އަހަރެމެންގެ ތެރެއިން ގާތްގަނޑަކަށް 30 ވަރަކަށް މީހުން މަގު ކައިރީގައި ހުރި ކުރީގެ ފުލުހުންގެ ޗެކްޕޮއިންޓެއްގެ ކޮންކްރީޓް ހުރަސްތަކުގެ ފަހަތުގައި ފިލައިގެން ތިބިން. ދެން އެތަނަށް ކާރެއްގައި މީހަކު އައިސް އަހަރެންގެ ފިރިހެން ދަރިފުޅު ކާރަށް އަރުވާތަން ފެނުނީ. އަހަރެން ދުވެފައި ގޮސް އެމީހުން ކައިރިއަށް ދިޔުމާއެކު އޭނާ އަހަރެމެން އެންމެން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ."
"އޭގެ ފަހުން އެންމެ މިނެޓެއްވެސް ނުނިދޭ. ދެލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ ޝަހީދުވި މީހުން. ލެއިން ތަތްތެޅިފައިވާ އަހަރެންގެ ދަނބުދަރި. އިވެނީ އަހަރެންގެ ފިރިހެން ދަރި އެހީއަށް އެދި ގޮވާ އަޑު." އޭނާ ބުންޏެވެ.