ހދ. މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިއީ އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮންނަ އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ހާމަކުރި ގޮތުގައި، އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސައިޓް ސެޓަޕް ހެދުމާއި، ފަޔާ ސްޓޭޝަން އަޅާ ސަރަހައްދު ސާފުކުރުމުގެ އިތުރުން ބިން ކޮނުމުގެ މަސައްކަތެވެ. މަކުނުދޫ އެއާޕޯޓު ތަރައްގީކުރަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކުގައެވެ.

މި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި 43 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރީ ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ. އަދި ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 3،493 މީޓަރުގެ ރިވެޓްމަންޓެއް ވެސް ވަނީ ޖަހާފައެވެ. މަކުނުދޫ އެއާޕޯޓުގެ ރަންވޭ އެންމެ ފުރަތަމަ ފަރުމާކޮށްފައިވަނީ 1،500 މީޓަރުގެ ދިގުމިނަށް ކަމަށްވީ ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުން ފަހުން ވަނީ އެ ރަންވޭ 1،800 މީޓަރަށް ބޮޑުކުރުމަށް ނިންމާފައެވެ.

މަކުނުދޫއަކީ ބޮޑު ކަނޑެއް ހުރަސްކޮށް ދަތުރުކުރަންޖެހޭ ރަށަކަށް ވުމުން، މޫސުން ގޯސް ދުވަސްވަރު ރަށުން ބޭރަށް ދަތުރުކުރުމަކީ ރައްޔިތުންނަށް އިންތިހާއަށް އުނދަގޫ ކަމެކެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑު ދުވަސްވަރުގައި ވެސް މަކުނުދޫ ސަރަހައްދުގެ ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ސިއްހީ ކުއްލި ފަރުވާއަށް ބަލި މީހުން އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު މަކުނުދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ކަމެއްކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަކުނުދޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ އެކަހެރިކޮށް އޮންނަ އެއް ރަށެވެ. އެހެންކަމުން އެ ރަށުގެ ތަރައްގީއަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކީ އެއާޕޯޓެއް ބިނާކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން، އެތަން އޮޕަރޭޓްކުރުމަށް ހަވާލުކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މަކުނުދޫގައި އެއާޕޯޓެއް ހުޅުވުމުން، ހދ. އަތޮޅުގައި ހިންގާ އެއާޕޯޓުތަކުގެ އަދަދު ތިނަކަށް އިތުރުވެގެންދާނެއެވެ. މިހާރު އެ އަތޮޅުގައި ހިދުމަތް ދެމުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓުންނެވެ.