ހދ. މަކުނުދޫއަކީ ދަތުރުކުރަން އުނދަގޫ ހިސާބެއްގައި އޮންނަ ރަށެއްކަމަށާއި، އެހެންކަމުން މިރަށުގައި އެއާޕޯޓު އެޅުމަކީ ޒަރޫރީކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށް ބެހިފައިވާގޮތުން ހދ. މަކުނުދޫއަކީ ވަކިން އެކަހެރިކޮށް ދަތުރުފަތުރު ކުރުމުގައި އުނދަގޫ ހިސާބެއްގައި އޮންނަ ރަށެއް ކަމަށެވެ.

އެހެންކަމުން ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި އިގްތިސާދަށް ބޮޑެތި ކުރިއެރުން އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މަކުނުދޫގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި، އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ އިތުރުކުރުމަށާއި ރަށުގެ ގެދޮރުއެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ވަރަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ކަމަށެވެ.

އެއާޕޯޓުގެ އިތުރުންވެސް މަކުނުދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަކުނުދޫގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ލެވެލް ހަތަރެއްގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭގެ ހިދުމަތާއި ޑަޔަލިސިސްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދު ރައީސް މުއިއްޒު ވަނީ މަކުނުދޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއިކުރައްވައި، މަކުނުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްވެސް ފައްޓަވާދެއްވާފައެވެ.