ހދ. މަކުނުދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ ކޯޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ (ސައިޓް ކްލިއަރެންސް) މަސައްކަތްތަކެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެއްކަމަށެވެ.
މަކުނުދޫއަކީ ހޭންޑްބޯޅައަށް ބޮޑު ތަރުހީބެއް އޮންނަ އަދި ސަރަހައްދީ މުބާރާތްތަކުގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ރަށަކަށްވާއިރު، އެ ރަށުގައި އެކަށީގެންވާ ހޭންޑްބޯޅަ ކޯޓެއް ނެތުމުގެ ކަންބޮޑުވުން މަކުނުދޫ ކައުންސިލުންނާއި ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ހިއްސާކޮށްފައެވެ.
މަކުނުދޫގައި ހޭންޑްބޯޅަ ކޯޓުގެ އިތުރުން ފުޓްސަލް ދަނޑަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
