މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާ ދެމީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އެ ރަށުގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށާއި އެ ސީންގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ. މި ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ދަ ޕްރެސް" އަށް ބުނީ، ގޮވީ ގޭސްފުޅިއެއް ކަމަށް ލަފާ ކުރެވޭ ކަމަށާއި އަޑުފައްގަނޑު ގަދަކަމުން މުޅި ރަށަށް ވެސް އިވިގެން ދިޔަ ކަމަށެވެ.

އަދި އެކަން ހިނގާފައި ވަނީ ބަނދަރު ކައިރީގައި ކަމަށާއި އެ ހާދިސާގައި މަރުވި މީހުންނާކީ ކޮން ބައެއްކަށް ދެނެ ނުގަނެވޭ ވަރަށް ޗިސްޗިސްވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިއަދު ހަވީރު 4:15 ހާއިރު މި ހާދިސާ ހިނގި ސަރަހައްދަކީ އެ ރަށުގައި ހުންނަ މަސްމާރުކޭޓް ވެސް ހުންނަ ސަރަހައްދެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން މިހާދިސާގައި މަރުވެފައި ވަނީ ދެ ބިދޭސީންނެވެ. ނަމަވެސް މިކަން "ދަ ޕްރެސް" އަށް އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.