ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ތަމްރީނަށް ބޭނުންކުރާ ސިލިންޑަރެއް ގޮވާ ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެއާޕޯޓުގައި ހިނގި މި ހާދިސާގައި އަނިޔާލިބިފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހަނަކަށެވެ. މި ހާދިސާގައި އޭނާގެ އެއް އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އިތުރު ފަރުވާއަށް އޭނާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.

މި ގޮތުން މިއަދު ހެނދުނު، އަނިޔާވެފައިވާ ތަނުގެ ޖަރާސީމް ސާފުކޮށް ޕްރޮޓެކްޓު ކުރުމުގެ ޕްރޮސީޖާއެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެ މީހާގެ އާއިލާއިން ވަނީ ބުނެފައެވެ.

އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުންކުރާ ސިލިންޑަރަކަށް ގޭސް އަޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި 4 މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެއާޕޯޓް ފަޔަރުގައި ހަރަކާތްތެރިވާ 03 ފިރިހަނަކާ އަންހެނަކަށެވެ. މި ހާދިސާގައި ބޮޑަށް އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް މާލެ ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެރޭ 19:08 ހާއިރުއެވެ.