2005 ގެ ކުރިއާއި އަދި 2005 ގައި އިޒްރޭލުން ގާޒާއިން ފޭބި ނަމަވެސް އދ އިން ނިންމާފައި އޮންނަނީ، ހުޅަނގު އައްސޭރި އާއި އިރުމަތީ ޖަރޫސަލަމް ހިމެނޭހެން ހިފާފައި ވާ ބިންތަކުގެ ގޮތުގައެވެ. އަދި އެތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އިޒްރޭލުގެ މައްޗަށް އޮންނަނީ ލާޒިމު ކޮށްފައެވެ.

ގާޒާ ވަށާ ޗެކްޕޮއިންޓް ޖަހައިގެން ތިއްބަސް މީގެ ކުރިން ގާޒާގެ ރައްޔިތުންނަށް މަސައްކަތަށާއި އެނޫން ބައެއް ބޭނުންތަކަަށް ގާޒާއަށް ވަދެނުކުމެ ހެދެއެވެ. ޗެކްޕޮއިންޓްތަކުން ބަލައި ފާސް ކުރުމަށް ފަހު މުދަލާއި އެނޫން ތަކެތި ވެއްދެއެވެ.

އިޒްރޭލުން ގާޒާއިން ފޭބި ފަހުން ޕަލަސްތީނުގެ ވެރިކަން ކުރާ ޕަލެސްޓައިން އޮތޯރިޓީ (ޕީއޭ) ނިސްބަތްވާ ފަތަހު ޖަމާއަތާއި ހަމާސް އާ ދެމެދު ކުރި ހަނގުރާމައަށް ފަހު 2007 އިން ފެށިގެން ގާޒާގެ ކޮންޓްރޯލް ނަގާފައި ވަނީ ހަމާސް އިންނެވެ. އޭރުން ސުރެ އޮކްޓޯބަރު 7، 2023 ގެ ހަމާސްގެ ހަމަލާ އާ ޖެހެންދެން ކޮންމެ ދުވަހަކުހެން އިޒްރޭލު ސިފައިން އެކި އެކި ނަންނަމުގައި ގާޒާގެ ތެރެއަށް ވަދެ އާންމު ރައްޔިތުން ހައްޔަރު ކުރުމާއި ބަޑިޖަހާ ޝަހީދު ކުރަމުން ގެންދެއެވެ. މީހުންގެ ގެދޮރަށް ގެއްލުން ދީ، ބައެއް ފަހަރު ބުލްޑޯޒަރުން އަނެއްބައި ފަހަރު މިސައިލް ހަމަލާ ދީ ފުނޑުފުނޑު ކޮށްލައެވެ. އާންމު ދިރިއުޅުން ވޭނަކަށް ހަދާ، މުސްލިމުން ރުޅިއެރުވުމުގެ ބޭނުމުގައި، މުގައްދަސް ބިމެއް ކަމަށް ވާ އަލް އަގުސޯ ހުންނަ ބިމަށް ވަދެ އުދުވާންތައް ހިންގައެވެ. އެވަރުން ނުވެގެން އެ މިސްކިތުގެ ތެރެއަށް ވަދެ ބަޑިޖަހާ މުސްލިމުންނަށް އަނިޔާ ދެމުން ގެންދެއެވެ.

ގާޒާގެ ވަށައިގެން 7 ކްރޮސިން [ވަދެ ނިކުމެ ހެދޭ 7 ދޮރާށި] ހުންނަ އިރު ރަފާ ދޮރާށި ފިޔަވައި އެހެން ހުރިހާ ދޮރާއްޓެއްގެ ކޮންޓްރޯލް އޮންނަނީ އިޒްރޭލަށެވެ. ރަފާ ދޮރާށީގެ ގާޒާ އާ ވީ ފަޅިން ޔަހޫދީ ސިފައިން ޗެކް ކުރަމުން ގެންދާ އިރު، ގާޒާގެ ރައްޔިތުން ހުރަގެއެއްގައި ބަންދުވެ ޔަހޫދީންގެ އެ އުދުވާނާއި ދޭ އަނިޔާގައި ދިރިއުޅުމުން ގެންދާތާ 17 އަހަރު ވެއްޖެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑު ކޮށްލާފައި ވާ އިމާރާތްތައް - ގާޒާގެ 25 ޕަސެންޓް ވަނީ ބިމާ ހަމަކޮށްލާފައި

އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ގާޒާއަށް ފޯރުކޮށް ދޭ ފެނައި، ކަރަންޓާއި، ތެލާއި، ކާބޯތަކެއްޗާއި ބޭސް ކަނޑާލާފައެވެ. މިއަދަށް 2 ހަފްތާ ވެގެން ދާއިރު ހުއްޓުމެއް ނެތި ބޮން އަޅާ ދެމުން ގެންދާ ހަމަލާތަކުގައި 4،137 މީހަކު މިހާރު ވަނީ ޝަހީދުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 14،000 އިން މައްޗަށް އަރާފައެވެ.

މި އުދުވާނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ބުނީ، ހަމަލާތައް ކުރިއަށް ގެންދާނީ 3 ފިޔަވައްސަކަށް ކަމަށާއި އެ ފިޔަވަތައް ނިމުމަށް ފަހު ގާޒާ މުޅިން އެކަހެރި ކޮށްލާނެ ކަމަށެވެ. އަދި އެހާ ހިސާބުން ސެކިއުރިޓީ ޒޯނެއް ކަނޑައަޅާނެ ކަމަށާއި އެއާއެކު ކުރިން ފޯރުކޮށްދެމުން ދިޔަ ހުރިހާ ހިދުމަތެއްވެސް ހުއްޓާލާނެ ކަމަށް ބުނެފައި ވެއެވެ.

  • ފޭސް 1: މި ފޭސްގައި ކުރިއަށް ދާނީ ހަމާސްގެ ހުރިހަ އިންފްރާސްޓްރަކްޗާ ތައް އެއްކޮށް ހަލާކު ކޮށްލުމެވެ.
  • ފޭސް 2: މި ފޭސް ގައި ކުރިއަށް ދާނީ، ގާޒާގެ ތެރެއިން އިޒްރޭލުގެ ސިފައިންނާ ކުރިމަތިލާ ފަރާތްތައް ނައްތާލުމެވެ.
  • ފޭސް 3: މި ފޭސްގައި އިޒްރޭލުން ގާއިމު ކޮށްފައި ވާ ހުރިހާ ހިދުމަތެއް ކަނޑާލުމާއެކު އާ ސެކިއުރިޓީ ޒޯނެއް ކަނޑައަޅާނެއެވެ.
ގާޒާއަށް އެހީއައިގެން ވަންނަން ގޮސް ރަފާ ބޯޑަރުގައި އޮތް ޓްރަކްތައް

ހަނގުރާމަ އަށް 2 ހަފްތާ ވީ އިރު، ހުރިހާ ހިދުމަތެއް ކަނޑާލާފައި ހުރުމުގެ ސަބަބުން މިހާރު ގާޒާގެ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގައެވެ. 2.2 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ނަސީބު ރަނގަޅު ނަމަ އެމީހަކަށް ލިބެނީ ދުވާލަކަށް 2 ލީޓަރު ފެނެވެ. އދ ގެ އިދާރާތަކުން ބުނާގޮތުގައި އިންސާނަކަށް ބުއިމަށާއި އެނޫން ބޭނުންތަކަށް ދުވާލަކަށް މަދުވެގެން 15 ލީޓަރުގެ ސާފު ފެން ބޭނުންވެއެވެ. ނަމަވެސް ހައިހޫނުކަން ވަށާލައި ކަނު އަދިރީގައި ތިބި ބަޔަކަށް އެހީވުމަށް އދ ގެ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތަށް ވެސް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ. އެހީގެ ޓްރަކްތައް ރަފާ ބޯޑަރުގައި އޮންނަތާ ހަފްތާއެއް ވާން ދާއިރު ވެސް ގާޒާ ފަޅިން އެ ބޯޑަރު ހުޅުވަން އިޒްރޭލުން ދަނީ ދެކޮޅު ހަދަމުންނެވެ.

މިވަގުތުން ވަގުތަށް ގާޒާއަށް އިންސާނީ އެހީ ބޭނުންވާ ކަމަށާއި އެކަން ލަސްކޮށްފިނަމަ އެތައް ހާސް ބަޔަކު މަރުވެ އިންސާނީ ބޮޑު ކާރިސާއަކާ ކުރިަމތިވެދާނެ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި އެކަމުގައި އިޒްރޭލުން ހުއްދަ ދިނުމަށް ވެސް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.