ޕާކިސްތާންގެ އާންމު އިންތިހާބު ބޯމަތިވެފައި ވާ އިރު، އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އަޑުތައް އަރާފައި ވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިއަދު އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ.

3 ފަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް، 2018 ގައި ވެރިކަން ގެއްލިވަޑައިގަތުމާއެކު އާލާސްކަންފުޅެއް ޖެހިވަޑައިގެން ކަމަށް ވިދާޅުވެ ލަންޑަނަށް ވަޑައިގެން ގޮތަށް އުޅުއްވަނީ ލަންޑަންގައެވެ.

އަމިއްލައަށް އަރުވާލެއްވިއްގެން 4 އަހަރު ހުންނެވުމަށް އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާ އިރު، ޕާކިސްތާންގެ މިހާރުގެ ބޮޑުވަޒީރަކީ އޭނާގެ ކޮއްކޯފުޅު ޝާހްބާޒް ޝަރީފްއެވެ. 2018 ގައި ވެރިކަމަށް ވަޑައިގަތް ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަަހަރުގެ ތެރޭގައި މަޖިލީހުން ކާމިބު ކުރައްވައި ޝާހްބާޒް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިރު އެގައުމު މިހާރު އޮތީ އާންމު އިންތިހާބަށް ތައްޔާރުވެފައެވެ.

އިންރާނަކީ ޕާކިސްތާންގައި މަގުބޫލު ބޭފުޅެއް ނަމަވެސް ކޮރަޕްޝަނާއި، ފަސާދައާއި އެނޫންވެސް އެތައް ކަމެއް އުފަންކޮށް ޖުމްލަ 105 މައްސަލައެއްގައި އޭނާގެ މައްޗަށް ދަނީ ދައުވާ އުފުލަމުންނެވެ. މިހާރުވެސް އޭނާ ހުންނެވީ ޖަލުގައި ކަމުން، އަންނަ އާންމު އިންތިހާބުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޭނާއަށް ނުދޭނެ ކަމަށް މުރާސިލުން ބުނެއެވެ.

އަސްކަރީ ބާރު އިންތިހާއަށް ގަދަ ޕާކިސްތާންގައި ނަވާޒު ޝަރީފްގެ ވެރިކަން ވެއްޓުނީވެސް އަސްކަރިއްޔާއިން އޭނާ އާ ދެކޮޅުވުމުންނެވެ. އިމްރާންގެ ވެރިކަންވެސް ވެއްޓިގެން ދިޔައީ އަސްކަރިއްޔާ އިން އޭނާ އާ މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުންނެވެ.

މިއަދު ނަވާޒު ޝަރީފް އެނބުރި ވަޑައިގަންނަވާ އިރު އޭނާ އަށް މަރުހަބާ ކިޔަން ތިބީ، އެ ދުވަހު އޭނާ ވެރިކަމުން ދުރުކުރުމަށް ބޭނުންވި އަސްކަރިއްޔާއެވެ.

އަވާމެންދުރެއް ފަދައިން ބަދަލުވަމުން ދާ ޕާކިސްތާންގެ ސިޔާސީ މަޝްރަހުގައި މިއަދު ނަވާޒަށް ތާއީދު ކުރާ މީހުންވެސް ގިނައެވެ.

ނަވާޒް ޝަރީފް ނިސްބަތްބެ ވަޑައިގަންނަވާ ޕީއެމްއެލް-އެން ޕާޓީން ބުނެފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އޮންނަ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަކީ ނަވާޒް ޝަރީފް ކަމަަށެވެ.

މިއަދު އޭނާ ގައުމަށް ވަޑައިގެން އަމިއްލަފުޅު ގެކޮޅު ހުންނަ ސިޓީ، ލާހޯރުގައި ބޮޑު އެއްވުމެއް ވެސް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

މިހާރު އުމުރުން 73 އަހަރުގެ ނަވާޒް ބޮޑުވަޒީރު ކަމަށް ނިކުންނަވާ އިރު ކޮއްކޯފުޅު ޝާހްބާޒް ގެ ވެރިކަމުގައި ޕާކިސްތާން ވަނީ އިގްތިސޯދީ އަނދަވަޅަކަށް ވެއްޓި ބަނގުރޫޓުވެފައެވެ. އަދި އިދިކޮޅު ލީޑަރު އިމްރާން ހާން ޖަލަށް ލައިގެން ގެންގުޅުމާއި ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ފަދަ ކިތަންމެ ކަމެއްގައި އޭނާގެ ޕާޓީއަށް ފާޑުކިޔުންތައް އަމާޒުވަމުން ދާ އިރު އިންތިހާބު ފަސޭހަ ނުވާނެ ކަމަށް މުރާސިލުން ބުނެއެވެ.

ނަމަވެސް މަސްރަހު ދިރާސާ ކުރާ އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އިމްރާން ފިޔަވައި ދެން އެންމެ ތާއީދު ބޮޑީ ނަވާޒް އަށެވެ. އެހެން ކަމުން އިންރާނަށް ކުރިމަތި ނުލެވޭ ހާލަތާއެކު ނަވާޒް އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.