ރޭ އިރާކޮޅު ގާޒާގެ އުތުރުގައި ބޮދު ޕާޓީއެއް ބޭއްވިއެވެ. ކުލަބޮކިތަކާއި ބާރު މިއުޒިކާއެކު ރާބޮއެ ނަށާ މަޖާކުރަމުން ގެންދިޔައީ، ގާޒާގައި ތިބި މުސްލިމުން ޝަހީދު ކޮށް އެމީހުންގެ ލެއިން ތަތްތެޅެމުން ދާ ޔަހުދީ ސިފައިންނެވެ.

ލަވަ ކިޔާ މީހުންނާއި ނަށާ މީހުން އެކަކު އަނެކަކާ ގައިގޯޅިވެ އުފާކުރަމުން ދިޔައީ އެއް މެސެޖެއް ދެމުންނެވެ. ގޮވަމުން ދިޔައީ، ޓެރަރިސްޓުން ނައްރާލާނެ ކަމަށާއި 'ތި ތިބީ ނަރަކައިގެ ތުންފަތްމަތީގައި' ކަމަށެވެ.

ޔަހުދީންނަށް ނޭނގޭ ކަމަކީ، ﷲ މާތް ކުރައްވާފައި ވާ މުގައްދަސް ބިމެއްގައި ތިބި މުސްލިމުން ޝަހީދު ކޮށް ލެއިން ތަތްތެޅެމުން ދާ އިރު ނަރަކައާ ކައިރީ ކޮންބައެއް ކަމެކެވެ. ކީތިރި ޤުރުއާނުގައި ނަންގަނެވިފައި ވާ ތިން މިސްކިތުގެ ތެރެއިން އެންމެ މާތް އެއް މިސްކިތް އލް މަސްޖިދުލްއަގުސޯޯ އެބިމެއްގައި ލެއްވި މިބަކީ ބަރަކާތުން ފުރިގެންވާ ބިމެކެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ގިބްލަ އަކީވެސް އެ މިސްކިތެކެވެ. މުސްލިމުންގެ ގިބުލަ މައްކާގައި ހުންނަ މަސްޖިދުލް ހަރާމް ނުވަތަ ކައުބަތުﷲ ގެފުޅަށް ބަދަލު ކުރެއްވުމާ ހަމައަށް ވެސް ގިބްލައަކީ އަގުސޯ އެވެ.

އާރެއް ބާރެއް މިއަދު ނެތި ނިކަމެތި ހާލުގައި ތިބި މުސްލިމުން ޝަހީދު ކުރަމުން ގެންދާ އިރު، މުޅި އިސްލާމީ އުއްމަތް އެދި އަތްއުފުލާ ކުރާ ދުއާ އަކީ ފަލަސްތީނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާއެވެ.

އަރަބި ދުނިޔޭގެ ބައެއް ލީޑަރުން ހުޅަނގުގެ ދަޅައިގައި ފިތި ބާރުވެފައި ތިބި ނަމަވެސް، މުސްލިމް ނޫން އެތައް ޖަމާއަތްތަކަކުންވެސް މިއަދު ގޮވަމުން ދަނީ އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި އިޒްރޭލުގެ އުދުވާން ހުއްޓުވައި ދިނުމަށެވެ. އަދި ޔަހޫދީންގެ ތެރޭގައި ހިމެނޭ ބައެއް ޖަމާއަތްތަކުންވެސް ޔަހޫދީ އިޒްރޭލުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔުމުން ދޭހަކޮށްދެނީ، ޕަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިންސާނިއްޔަތުކަން ހުރި އެތައް މިލިއަން ބަޔަކު ތިބި ކަމެވެ.

ގާޒާގެ އުތުރުން ގާޒާއަށް އަރައިގަންނަން ޖަމާވެގެން ތިބި ޔަހޫދީން ޕާޓީ ކުރަނީ

އިޒްރޭލަށް މަދަދު ދޭ އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކާ ހިލާފަށް މެދުއިރުމަތިން [އަރަބިން] އެކަތިގަނޑަކަށް ވެ ފަލަސްތީނުގެ ދިފާއުގައި ނުތެދުވުމަކީ ލަދުވެތި ކަމެކެވެ. އިޒްރޭލުގެ ހަމަލާތައް ކުއްވެރި ކޮށްލުން ފިޔަވައި މާ ބޮޑު ކަމެއް ނުކުރާތާނގައި ސިޔާސީ ހައްލެއް ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. ނަމަވެސް މާދަމާ އަކީ ބޮޑު ސަމިޓެއް ބޭއްވުމަށް ތާވަލު ކޮށްފައި ވާ ދުވަހެކެވެ.

ފަލަސްތީނުގެ ރައީސް މައުހޫދު އައްބާސް އާއި، ބަހްރައިން، މިސްރު، ސައިޕްރަސް، ޖަރުމަން، އިޓަލީ، ޖަޕާން، ކްވައިތު އަދި ދެކުނު އެފްރިކާގެ ލީޑަރުން މާދަމާ މިސްރުގައި ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުމުގައި ގާޒާގެ ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމާއި ހަމަލާތައް ހުއްޓުވުމާ ބެހޭގޮތުން ލީޑަރުން މަޝްވަރާ ކުރައްވާނެއެވެ.

މި ބައްދަލުވުން އިންތިޒާމް ކޮށްފައި ވާ އިރު ޔޫއޭއީ، ސައުދީ އަރަބިއްޔާ، ކްވެއިތް، ބަހުރައިން އަދި އޮމާން ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާފައެވެ.

ގެދޮރު ދޫކޮށް ގާޒާގެ ދެކުނަށް ދިޔަ ބައެއް އާއިލާތައް / ފޮޓޯ: ގެޓީ އިމޭޖަސް

ގޭގައި މަރުވުންވެސް ހިތަށް ފަސޭހަ ކަމަށް ބުނެ ގާޒާގެ ރައްޔިތުން އެނބުރި ގެއަށް!

މަރުވާން ބޭނުން ނުވާނަމަ ގެދޮރު ހުސްކޮށް ގާޒާގެ ދެކުނަށް ދާން ބުނުމުން ދެކުނަށް ދިޔަ ގިނަ ބަޔަކު އެނބުރި ގެއަށް ދާން ފަށައިފިއެވެ. އެމީހުން ބުނީ، ގެއިން ނިކުމެ ދެކުނަށް ދިޔައީ ފުރާނަ ސަލާމަތް ކުރަން ކަމަށާއި، ނަމަވެސް އިޒްރޭލުން ދެކުނަށް ވެސް ބޮން އަޅަމުން ދާ ކަމަށެވެ. މިހާެރު ބޮން އަޅަން ތަނެއް ތަނެއް ނުބަލައި ކަމަށާއި ރެއާއި ދުވާލު ގާޒާގެ އުތުރާއި ދެކުނަށް ބޮން އަޅަމުން ދާ އިރު މަރުވަން އަމިއްލަ ގޭގައި ތިބުންވެސް މިހާރު މާ ހިތަށް ފަސޭހަ ކަމަށް އެމީހުން ބުނެއެވެ.

އެމީހުން ބުނީ، ބޮލަށް ބޮން އެޅިޔަސް ދެން ފަރުވާލެއް ނެތް ކަމަށާއި ދެކުނު ބިތުގައި ތިބެގެންވެސް ސަލާމަތެއް އަދި ރައްކާތެރިކަމެއް މިހާރު ނެތް ކަމަށެވެ. ގާޒާގެ ދެކުނުން ނިކުމެ އަމިއްލަ ގެއަަށް [އުތުރަށް] ދަތުރުކުރަމުން ދާ ބައެއް މީހުން ބުނީ، "އަހަރެމެން އަމިއްލަ ގޭގައި ތިބެ މަރުވުން މާ ހިތަށް ފަސޭހަ" ކަމަށެވެ.

އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ބޮން އަޅަމުން ގެންދާ އިރު ދެކުނުގެ ސަރަހައްދުތަކަށް ވެސް ބޮން އަޅަމުން ދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އދ ގެ އިދާރާއިންވެސް މިއަދު ވަނި ބުނެފައެވެ. އދ ގެ ތަރުޖަމާން ސަމްދަސާނީ ބުނީ އޭނާގެ ލޯ ކުރިމަތީގައި އިޒްރޭލުން ދޭ ހަމަލާތައް ފެންނަ ކަމަށާއި އެ ހަަލާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުންގެ ދިރިއުޅުން 'ނަރަކައަކަށް' ވެފައި ވާކަމަށެވެ. އެހެން ކަމުން ގިނަ ބަޔަކު ދެކުނު ދޫކޮށް އަމިއްލަ ގެދޮރަށް ދާން ފަށައިފި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ގާޒާގައި ހުންނަ ޕަލެސްތައިން ޓަވަރު ގޮއްވާލުމުން ދުންގަނޑު އަރައިގެން ދަނީ

ގާޒާއިން ބޭސް ހުސްވެ ފަރުވާ ދިނުމަށް ބޭނުން ކުރަނީ ވިނެގާ!

ތަދުކަނޑުވާ ބޭސް އެއްގޮތަކަށް ވެސް ނެތް އިރު އައިވީއާއި އެނޫންވެސް ޒަރޫރީ ބޭސްވެސް ވަނީ އެކީހެން ހުސްވެފައެވެ. ޒަހަމްވެފައި ވާ ތަނުގައި އަޅާލާނެ ބެންޑޭޖުގަނޑެއް ވެސް މިހާރު ނެތް އިރު، ތެޔޮ ހުސްވެފައި ވުމުން، ކަރަންޓުން ބޭނުން ކުރަން ޖެހޭ މެޑިކަލް ސާމާނު މިހާރު ހުރީ ހުއްޓިފައެވެ. ޒަހަމްވެ ބޮލާއި މޫނުން އަދި ހަށިގަނޑުގެ އެތަން މިތަނުން ފައިބަމުން ދާ ލޭ ސާފުކޮށްލަން ވެސް މިހާރު ބޭނުން ކުރާނެ އެއްޗެއް ނެތެވެ. ބައެއް ޑޮކްތަރުން ބުނީ، މިހާރު ޒަހަމްތައް ސާފުކުރަންވެސް އަދި އެނޫން ބޭނުންތަކަށް ވެސް ބޭނުން ކުރަނީ ވިނެގާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުއްޓުމެއް ނެތި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އެކަނިވެސް 370 މީހަކު ވަނީ ޝަހީދުވެފައެވެ. މިއާއެކު ޖުމްލަ އަދަދު މިހާރު ވަނީ 4،137 އަށް އަރާފައެވެ. އޭގެ ތެރޭގައި 1،661 އަކީ ކުޑަކުދިންނެވެ. ފާއިތުވެގެން މިދާ 2 ހަފްތާގެ ތެރޭގައި އިޒްރޭލުގެ އުދުވާނުގައި ގާޒާއިން ޒަހަމްވި ކޮންމެ 10 މީހަކުން އެކަކީވެސް ކުޑަކުއްޖެކެވެ. ޖުމްލަ 13،260 މީހަކު ޒަހަމްވެފައި ވާ އިރު ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޮޓް ކޮށްފައި ވާ 1400 މީހަކު ހިމެނެއެވެ. އޭގެ ތެރެއިން 720 އަކީ ކުޑަކުދިްންނެވެ.

މިވަގުތު ގާޒާގެ 7 ހޮސްޕިޓަލާއި 21 މެޑިކަލް ފެސިލިޓީ ހުރީ މުޅިން ހުއްޓިފައެވެ. ސިއްހީ ފަރުވާ ދޭ މީހުންގެ ތެރެއިން 46 މީހަކު ވަނީ މަރުވެފައެވެ. 23 އެމްބިއުލާން ވަނީ ގޮއްވާލާފައެވެ. ހަމަލާތަކުގައި މަރުވާ މީހުންގެ ތެރޭގައި ޕަލަސްތީނުގައި ދިރިއުޅޭ ނަސޯރާއިންވެސް ހިމެނޭ އިރު ފައްޅިއަކަށް ދިން ހަމަލާއެއްގައި 18 ނަސޯރާއަކު ވަނީ މަރުވެފައެވެ.