އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި ހައިނޫނުކަމާއި ބޯނެ ފެންތިކެއް ނެތި އެތައް މިލިއަން މުސްލިމުންނެއް ހާލުގައި ޖެހިފައި ވާ އިރު އެހީގެ ތަކެތި ވައްދަން މިސްރުން ބޯޑަރު ހުޅުވި ނަމަވެސް އިޒްރޭލުން ހުއްދައެއް ނުދިނެވެ.

އދ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ވެރިޔާ މާޓިން ގްރިފިތް ވިދާޅުވީ، މިސްރުން ހުއްދަ ދިން ނަމަވެސް އިޒްރޭލުން ހުއްދަ ނުދެތީ އެހީގެ ތަކެތި މިއަދުވެސް އަދި ވެއްދޭނެ ގޮތެއް ނުވާ ކަމަށެވެ. ހުއްޓުމެއް ނެތި ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ އިރު އިޒްރޭލުން ދޭ ޖަވާބަކީ، އެހީ ވެއްދުމާ ބެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ނަސްލެއް ނެތިކޮށްލުމުގެ ރޫހެއްގައި ޔަހޫދީ އިޒްރޭލުން ތިބި އިރު، އިޒްރޭލު އެއްބަސް ކުރުވޭތޯ ބެއްލެވުމަށް އދ ގެ ސެކްރެޓަރި ނެޖެރަލް އެންޓޯނިއޯ ގްޓަރޭސް ވެސް މިސްރުގެ ބޯޑަރަށް މިއަދު ވަޑައިގެންފިއެވެ.

އޭނާ ވިދާޅުވީ، އެހީގެ ތަކެތި ބަރުކޮށްފައި ވާ ޓްރަކްތައް ގާޒާއަށް ވައްދަން ހުއްދަ ދޭން ޖެހޭ ކަމަށާއި، އެއީ ގާޒާގެ ރައްޔިތުންގެ ލައިފްލައިން [ދިރިހުރުމުގެ މަގު] ކަމަށާއި އެތަކެއްޗަކީ މަރާއި ދިރިހުރުމުގެ ތަފާތު ކަމަށެވެ. އެތައް ސަތޭކަ ޓްރަކެއް އެހީއައިގެން ތައްޔާރަށް އޮތްތަން ފެނިވަޑައިގެންފި ކަމަށާއި އެތަކެތި ވެއްދޭނެ އިންތިޒާމު ހައްޖެއްސުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ތެޔޮ ނުލައި، ކާބޯތަކެއްޗާއި ފެނާއި ބޭސް ބަރުކޮށްގެން އެތައް ސަތޭކަ ޓްރަކެއް ބޯޑަރުގައި ތައްޔާރީ ހާލަތުގައި އޮތް އިރު އިޒްރޭލުގެ ބަހެއް ނުލިބެނީސް އެތަކެތި ގާޒާއަށް އެތެރެ ކުރެވޭކަށް ނެތެވެ. އެތަކެތި އެތެރެ ކުރާތަނުން ގޮއްވާލަފާނެ ކަމުގެ ބިރު އޮތް އިރު އިޒްރޭލު އެއްބަސްް ކުރުވުމަކީ މުހިންމި ކަމެކެވެ.

ހަބަރުތައް ބުނާ ގޮތުން، ކުރިން މިއަދު ޓްރަކްތައް ވަނުމަށް ތާވަލު ކޮށްފައި އޮތް ނަމަވެސް މިހާރު މާދަމާ ނޫނީ އަނެއް ދުވަހަށް ފަސް ވެދާނެ ކަމަށް އދ އިން ބުނެއެވެ.

މިސްރާއި ގާޒާ ގުޅޭ ރަފާ ބޯޑަރުގެ ކޮންޓްރޯލް މިސްރަށް އޮތް ނަމަވެސް އެތަނަށް އިޒްރޭލުން ވަނީ 3 މިސައިލް ހަމަލާ ދީ މަގުތައް ހަލާކު ކޮށްލާފައެވެ. މި ހިނގާ އޮކްޓޯބަރު 9 އަދި 10 ގައި ދިން ހަމަލާގައި މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ވުމުގެ ސަބަބުން އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިސްރުގެ އޮފިޝަލުން އިއްޔެއާއި ރެއާއެކު ވަނީ ކޮށްފައެވެ.

މިސްރު ފަޅިން ބޯޑަރު ހުޅުވި ނަމަވެސް ގާޒާ ފަޅިން ނުހުޅުވާތީ ފުރަތަމަ ބުރުގައި ވަންނަން ހަމަޖެހިފައި ވާ 20 ޓްރަކު އޮތީ ނުވަދެވި އެތާނގައެވެ. 20 ޓްރަކަކީ ފުދޭ މިންވަރަކަށް ނުވި ނަމަވެސް އދ ގެ އިދާރާތަކުން އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެހީގެ ޓްރަކްތައް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.

ގާޒާގައި ތިބި ރައްޔިތުން ސަލާމަތް ކުރުމަށް ލިބިފައިވާ ވަގުތު ހަމަވަމުން ދާ ކަމުގެ އިންޒާރު އދ އިން ދެމުން ގެންދާ އިރު ޔަހޫދީ އިޒްރޭލުން ގާޒާގެ އުތުރުގައި ތިބީ ޕާޓީ ކުރާށެވެ. ލަވަކިޔާ މީހުން ގެންގޮސް ރޭވެސް ބޮޑު ޕާޓީއެއް ބާއްވާފައި ވާ އިރު، ޔަހޫދީ ސިފައިންގެ ކޮމާންޑަރުން ބުނެފައި ވަނީ، މާ ލަސްތަކެއް ނުވެ ޔަހޫދީ ސިފައިންނަށް ގާޒާގެ އެތެރެ ފެންނާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަނީ އެއްގަމު މަގުން ގާޒާގެ ތެރެއަށް އަރައިގަތުމަށެވެ.

މިހާރުވެސް ރެއެއް ދުވާލެއް ނުބަލައި ބޮން އަޅަމުން ދާ އިރު، ގާޒާގެ އުތުރުގެ 25 ޕަސެންޓް އިމާރާތްތައް ބިމާ ހަމަކޮސްފިއެވެ. 70،000 އެއްހާ އިމާރާތަށް ހަމަލާ ދީފައި ވާ އިރު، 7000 އިމާރާތެއް އެއްކޮށް ވަނި ފުނޑުފުނޑު ކޮށްލާފައެވެ. ގާޒާގެ އުރުތަކީ ގާތްގަނޑަކަށް 1.1 މިލިއަން މީހުންގެ އާބާދީއެއް އޮތް ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާއިރު، އިޒްރޭލުން އަންގަމުން ދަނީ މަރުވާން ބޭނުން ނޫނިއްޔާ ގެދޮރު ދޫކޮށް ފައިގެން ގާޒާގެ ދެކުނަށް ދިޔުމަށެވެ. އިޒްރޭލުން އެހެން ބުނެފައި، ފައިބައިގެން ދާ މީހުން ދަތުރުކުރާ ލޮރީތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ.

އދ ގެ އިންސާނީ އެހީއާ ގުޅޭ އިދާރާގެ 13،000 މުވައްޒަފުން ގާޒާގެ ތެރޭގައި ހަރަކާތްތެރި ވަމުން ދާ އިރު މިއަދަށް އަލިވިލިގެން އައި އިރު ދިން ހަމަލާތަކުގައި އެ އިދާރާގެ 2 މުވައްޒަފަކުވެސް ވަނީ އިޒްރޭލުން މަރާލާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 4000 ފަހަނައަޅާ ގޮސްފައެވެ.