ފިތުރު އީދު ދުވަހު މާލޭގެ ދެ ސަރަހައްދެއްގައި ހިންގި މާރާމާރީ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހަކު ޝަރުތުތަކާ އެކު ގޭބަންދަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ހައި ކޯޓުން ބާތިލު ކޮށްފިއެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ސިލްސިލާކޮށް ހިންގި މާރާމާރީތަކާ ގުޅިގެން 8 މީހަކު ހައްޔަރު ކުރިއެވެ. އެމީހުންގެ ތެރެއިން ހަތަރު މީހަކު ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ ގޭބަންދަށް ދޫކޮށްލާފައެވެ.
އެ ދުވަހު ގޭބަންދަށް ދޫކޮށްލީ، ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް އާއި ތ. ތިމަރަފުށި/ ސީނުގެ، އަހްމަދު ޝިމްހާޒުގެ އިތުރުން ގއ. ގެނަމަފުށި/ ކެނެރީގެ، އަހުމަދު ނާޒިހު އަދި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއުއެވެ.
އެމީހުން ގޭބަންދަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން މިޔަ މަހުގެ 26ގައި ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. ހައި ކޯޓުން، ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ބާތިލް ކޮށްފައި ވާއިރު އެ އަމުރުތައް ބާތިލުކުރި ސަބަބެއްގެ ގޮތުގައި ހައި ކޯޓުގެ ބުނެފައިވަނީ ގޭބަންދަށް ދޫކޮށްލީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކޮންގޮތަކުން ކުޑަވެގެންކަން ކްރިމިނަލް ކޯޓުގެ ނިންމުމުން ވަޒަން ކުރަން ނޭނގޭ ކަމަށެވެ.
އެހެން ކަމުން، އެ ހާލަތު ބަދަލުވިގޮތެއް ބަޔާން ކުރުމެއް ނެތި ހަތަރު މީހުން ގޭބަންދަށް ދޫކުރުމަށް ނެރެފައިވާ އަމުރުތަކަކީ ބާތިލު އަމުރުތަކެއް ކަމަށް ހައި ކޯޓުން ބުނެއެވެ.
އީދު ދުވަހު މާލޭގައި ހިންގި މާރާމާރީ ތަކުގެ ތެރެއިން އެ ދުވަހުގެ ފަތިހު 05:48 ގައި ހިންގި މާރާމާރީގައި އުމުރުން 23 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވާއިރު، އެ ދުވަހުގެ ހެނދުނު 09:17 ގައި ހިންގި މާރާމާރީގައި ދެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.