އަމިއްލަ މިނިވަން ކަމުގެ ދިފާއުގައި ހަމާސް ޖަމާއަތުން ދިން ހަމަލާއާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ފަލަސްތީން ވަށާލައި ބޮން އަޅަން ފެށި ފަހުން ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުން ފަަލަސްތީނަށް ހަމަލާ ދެމުން އަންނަތާ 12 ދުވަސް ވެފައިވާ އިރު، ފަލަސްތީނުގެ 3،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ތިިން ބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ.
ފަލްސްތީންގެ އެންޖީއޯއެއް ކަމަށް ވާ ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް - ފަލަސްތީން (ޑީސީއައިޕީ) ބުނިގޮތުގައި، އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން އެއް ކުއްޖަކު ޝަހީދު ވާ ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި ހާލުގައި ޖެހިފައިވާ މީހުންނަށް އެކަނި ނޫން ކަމަށާއި، ހަމަލާތަކުގެ ޝިކާރައިގައި ނުޖެހޭ މީހުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އެ އެންޖީއޯއިން ބުނެއެވެ.
އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުން މިހާތަނަށް ސަލާމަތްވި ފަލަސްތީނުގެ ކުޑަކުދިން ތިބީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ އިން ބުނެފައިވާ އިރު، އޭގެ ތެރޭގައި ގާޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ތިބި ހަ ލައްކައަށް ވުރެ ގިނަ މީހުން ވެސް ހިމެނޭ ކަމަށް އދ.ގެ އޯސީއެޗްއޭ އިން ބުނެއެވެ.
ގާޒާގައި ކުދިން ބިރުން ފިތްކަނޑައިގެން ގޮސް ނަފްސާނީ ހަލާކަކަށް!
އުމުރުން 30 އަހަރުގެ އެސްރާ އަބޫ ޣައްޒާހް ފަދަ މައިންބަފައިން މަސައްކަތް ކުރަނީ ވަށައިގެން ދެމުންދާ ބޮމުގެ ހަމަލާތަކާއި ހަލާކުތަކުން ދަރިން ސަލާމަތް ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.
އެސްރާ ބުނީ، ވައިގެ ހަމަލާތަކަށް ފަހު އޭނާގެ ދެ ދަރިންގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ. އުމުރުން އަށް އަހަރާއި ދެ އަހަރުގެ އެ ކުދިން ހޮޑުލާ ކަމަށާއި އަދި ތަންމައްޗަށް ކުޑަކަމުދެވޭ އިރު ވެސް އެ ކުދިންނަށް ނޭނގޭ ކަމަށެވެ. މިހެން އެ ދިމާވަނީ އެކުދިން ބިރުން ފިތްކަނޑައިގެން ގޮސްފައި ތިބޭތީ ކަމަށް ވެސް އެސްރާ ބުނެއެވެ.
އޭނާގެ ކުދިންނަކީ ހަނގުރާމައިގެ ނަފްސާނީ އަސަރުތަކާއެކު ދިރިއުޅެމުން އަންނަ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ 95 ޕަސެންޓް ކުދިންގެ ތެރޭގައި ހިމެނޭ ކުދިންނެވެ.
ގާޒާ ސިޓީގެ ހަތަރު ކުދިންގެ މަންމަ، އުމުރުން 35 އަހަރުގެ ސަމާހް ޖަބްރް ބުނީ، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމުރުން 13 އަހަރުގެ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކުސޭ ކަމަށެވެ. އެ ދަރިފުޅުގެ ކިބައިން ފެންނަ ކަންކަން ހިއްސާ ކުރަމުން ސަމާހް ބުނީ، މިހާރު އޭނާ ރުޅިގަދަ ވާ ކަމަށާއި ކިރތިޔާ ބާރު އަޑެއް އިވުނަސް ސިހިސިހި ހުންނަ ކަަމަށެވެ. މަޖަލަކަށް ވެސް މީހަކު އޑު ބާރުކޮށް ވާހަކަ ދައްކައިފި ނަމަ އޭނާ ބިރުން އުޅޭ ކަމަށް ސަމާލހް ބުނެއެވެ. އެކަން ހަމައަަކށް އެޅުވުމަށް މި ހަނގުރާމަ އަދި ނިމުމަކަށް އަންނާނެ ކަން އަބަދުވެސް ދަރިފުލަށް ހަނދާން ކޮށް ދޭ ކަމަށް އޭނާ ބުނެއެވެ.
ފަލަސްތީނުގެ ސައިކޮލޮޖިސްޓް ޑރ. އީމާން ފަރަޖަالله ލިޔުއްވާފައިވާ ދިރާސާ ކަރުދާހެއްގައި ބުނެފައި ވަނީ، ހަނގުރާމަތަކުން ސަލާމަތްވާ ކުދިންނަކީ ނަފްސާނީ ގޮތުންނާއި އަހުލާގީ ގޮތުން ބޮޑު ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެ ބައެއް ކަމަށެވެ. ބައެއް ކުދިންގެ ފަރާތުން ފެންނަނީ ހިތްހަމަނުޖެހުން، ރިގްރެޝަން ނުވަތަ ހަރުކަށި އަމަލުތަކެވެ.
ގާޒާގެ ކުދިންގެ ހާލަތު ފެންނަ ވީޑިއޯތަކުން ވެސް އެތައް ވާހަކަތައެއް!
ޕަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް ބުނާ އިރު، ހާލުގައި ޖެހިފައި ތިބި އެތައް ކުޑަކުދިންނެއް އެބަ ތިއްބެވެ. އާއިލާގެ އެއްވެސް މީހަކު ސަލާމަތް ނުވެ، އެތައް މައުސޫމް ކުދިންތަކެއް ޔަތީމްވެފައި ތިބި އިރު، މި ހަމަލާއިން އަސަރު ކޮށްފައިވާ ކުޑަކުދިންގެ މަންޒަރު ފެންނަ އެތައް ވީޑިއޯތަކެއް ދަނީ ވައިރަލް ވަމުންނެވެ.
މި ކުދިންގެ ފަރާތުން ފެންނަމުން ދަނީ މަޑުމައިތިރިކަމާއި ހިތްދަތިކަމުގެ ކުލަ ވަރެވެ. މޫނުމަތިން ހާސްވެ ކަނބޮޑުވެފައިވާ ތަން ފެންނަ އިރު، އެ ކުދިންގެ ހިތްތަކުގައި އިންތިހާ ދަރަޖައިގެ ބިރުވެރިކަން ވަނީ އަށަގެންފައެވެ. ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ތެރެއިން އެ ކުދިން ސަލާމަތް ކުރާ މީހުންގެ ހިމާޔަތުގެ ދަށުގައި ބައެއް ކުދިން ހުންނަ ބޭނުންވާ ކަން ހާމަކުރެއެވެ. ފަރުވާ އަށް ހޮސްޕިޓަލްތަކަށް ގެންދާ އިރު ފެރަމެޑިކްސް ނުވަތަ މެޑިކަލް އޮފިސަރުން އެ ކުދިންނާ ލޯބިން މުހާތަބުކޮށް ފަރުވާ ދެމުންދާ އިރު، އެކުދިން އެމީހުންގެ އުރުން ފައިބަން ބޭނުންނުވެ ބޮޑާ ހާކާ މަންޒަރު ވެސް ފެނެއެވެ.
މީގެ ތެރެއިން ބައެއް ކުދިންނަކީ ވާހަކަ ދައްކައި އަމިއްލަ އިހްސާސްތައް ބަޔާން ކުރަން އެނގޭ ކުދިން ކަމުގައި ވިޔަސް އެތައް ތުއްތު ކުދިންނެއް ވެސް ހިމެނެއެވެ. އެ ކުދިންގެ އިހްސާސްތައް ބަޔާން ކޮށް ދިނުމަށް ކަރުނަ އަޅައި ރުއިން ނޫން ކަމެއް ނުކުރެވެއެވެ. އޯގާތެރި އަތެއްގެ ފިރުމުން އިހްސާސްވުމުން ކޮނޑުގައި ބޯއަޅާލައި ހިމޭނޫން ގިސްލާ އޮންނަ ތަން ފެންނަ ކޮންމެ މީހަކު ވެސް ހިތް ފަޅައިގެން ދާނެއެވެ.
ހަނގުރާމަތަކުގައި ކުޑަކުދިންނަށް ގާނޫނީ ގޮތުން ހިމާޔަތް ނުލިބޭ ހެއްޔެވެ؟
ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ އުސޫލަށް ބަލާލާ އިރު، 1949 ވަނަ އަހަރު ޖެނީވާ މުއާހަދާގެ ދަށުން ފާސްކުރި ގަވާއިދުގައި ބުނާ ގޮތުގައި ހަނގުރާމަތަކުގައި ހިފާފައިވާ ބިންތަކުގައި ކުޑަކުދިން ހިމާޔަތްކުރަން ޖެހެއެވެ. އިޒްރޭލުން މި މުއާހަދާތައް ތަސްދީގުކުރީ 1951 ވަނަ އަހަރު ހޮލޮކޮސްޓްގައި ޔޫރަޕުގައި ޔަހޫދީންގެ ދޮޅު މިލިއަން ކުދިން މަރާލިތާ މަދު އަހަރުތަކެއް ފަހުންނެވެ. ނަމަވެސް އިޒްރޭލުން 4 ވަނަ ޖެނިވާ މުއާހަދާގައި ބުނާ ބިންތައް ހިފާފައި އޮތް އޮތުމާ ދެކޮޅަށް ހަނގުރާމަ ކުރާ އާންމުން ހިމާޔަތްކުރުން ގަބޫލު ނުކުރަނީ، ފަލަސްތީނަކީ ހިފާފައިވާ ބިމެއްކަމަށް އިޒްރޭލުން ނުދެކޭތީއެވެ.
ގާޒާގައި އަސްކަރީ ބާރުގެ ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން ދާ ކަމަށް ބުނެ، އިޒްރޭލުން ހަނގުރާމަ އިއުލާން ކޮށްފައި ވަނީ ހަމާސް ނައްތާލުމުގެ ބޭނުމުގައެވެ. އެހެންކަމުން އެ ހަމަލާތަކުގައި މަރުވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ނުބެލެވޭ ކަމަށް އިޒްރޭލުން ބުނެއެވެ.
އިޒްރޭލުން މިހެން ބުނާ އިރު އެ ގައުމާ އެއްކޮޅަށް އެމެރިކާ ހަރަކާތްތެރިވަމުން އައި ނަމަވެސް، އަންގާރަ ދުވަހުގެ ރޭ ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި 500އެއްހާ މީހުން ޝަހީދުވުމާ ގުޅިގެން އެތައް ގައުމަކުން ވަނީ އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރި ކޮށްފައެވެ. އދގެ ސެކްޓީ ޖެނެރަލް ވެސް އެ ހަމަލާ ކުށްވެރި ކުރިއެވެ. އަދި އެތައް ކުޑަކުދިންތަކެއް އެ ހަމަލާގެ ޝިކާރައަކަށް ވެގެން ދިއުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބުނެ ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.