ދިވެހިންގެ އެހީގައި ފަލަސްތީނުގެ ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޕާނާއި އަދި ބަތް ޕާރުސަލް ބަހަމުންދާ ކަމަށް އިންޓަނޭޝަނަކް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.
އައިއޭސީއިން ބުނީ ހާލުގައި ޖެހުނު ފަރާތްތަކުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ގާޒާގެ 6 ސްކޫލެއްގައި ކޮންމެ ދުވަހަކު 1000 ޕާން ޕެކޭޖް އަދި 3000 ކެއްކި ބަތް ޕާރުސަލް ބަހަމުންދާ ކަމަށެވެ. އަދި އެހީ ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ މުސްލިމުންނަށް ދިވެހިން ހަދިޔާ ކުރި ފައިސާގެ ތެރެއިން ފަލަސްތީނުގެ އާއިލާތަކުގެ އެދުމުގެ މަތިން އައޭސީއިން ވަނީ 200 އާއިލާއަކަށް ނަގުދު ފައިސާ ބަހައިފައެވެ. ފައިސާ ބެހި ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތައް އަދިވެސް ހުޅުވި، މަސައްކަތްކުރާ ސަރަހައްދުތަކެއް ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށް އައިއޭސީ އިން މައުލޫމާތު ދީފައިވާއިރު ފައިސާ ދިން އާއިލާ ތަކުގެ ތެރޭގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަރާތްތަކުގެ އާއިލާގެ އިތުރުން އެއްކޮށް ގެ ހަލާކުވެފައިވާ އާއިލާތައް ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
މިހާތަނަށް ޕަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައި 11،000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައި ވާ އިރު ހޮސްޕިޓަލްތަކުގައި ތިބި ކޮންމެ 10 މީހަކުން އެކަކީ ކުޑަކުއްޖެއް ކަމަށް ގާޒާގެ ޑޮކްޓަރުން ވިދާޅުވެއެވެ. މިހާތަނަށް 1،500 އެއްހާ ކުޑަކުދިން ޝަހީދު ކޮށްލާފައި ވާ އިރު، އަމާޒަކީ ހަމާސް ކަމަށް އިޒްރޭލުން ބުނި ނަމަވެސް ބޮމާއި މިސައިލް ހަމަލާ އަމާޒު ކުރުމުގައި އާންމުން ދިރިއުޅޭ ތަނެއް، ހޮސްޕިޓަލެއް، މިސްކިތެއް، ކާބޯތަކެތި ތައްޔާރު ކުރާ ތަނެއް ނުބަލައެވެ.
ގާޒާއަށް އެހީވުމަށް:
އެކައުންޓު ނަމްބަރު: 7770000062741
އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.