އޮކްޓޯބަރު 7، 2023 ވީ ހޮނިހިރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަކީ، "ޓެރަރިޒަމް ގެ ބިރުވެރި އަމަލެއް" ކަމަށް ވިދާޅުވެ އިޒްރޭލުން ހިންގަމުން ދާ އުދުވާނަށް ހިތްވަރު ދެއްވަން އިންގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކް އިޒްރޭލަށް ވަޑައިގެންފިއެވެ.

އިޒްރޭލުގެ އުދުވާނު ކުށްވެރި ކޮށް ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ގޮވާލައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ބައެއް މެންބަރުން ހުށަހެޅި މައްސަލައިގައި ވެސް އިޒްރޭލު ދިފާއު ކުރައްވާފައި ވާ ސޫނަކް އިޒްރޭލަށް ވަޑައިގެން އެގައުމުގެ ރައީސްގެ އިތުރުން، ހަމާސް އިން ރަހީނު ކުރި އާއިލާތަކުގެ ބައެއް މީހުންނާ ބައްދާ ސަލާމް ކުރައްވާފައި ވެއެވެ.

ހަމާސްގެ އެ ކުއްލި ހަމަލާތަކުގައި ޔަހޫދީންގެ 1400 މީހަކު މަރާލަފައި ވާ އިރު މަރުވި ސިފައިންގެ އަދަދު 304 އަށް އަރައެވެ. އަދި ރަހީނު ކުރި އިޒްރޭލުގެ މީހުންގެ އަދަދު 199 އަށް އަރައެވެ. ހަމާސް އިން އެ އޮޕަރޭޝަން ހިންގަމުން ދިޔަ އިރު އަތުޖެހުނު މީހުން ގާޒާއަށް ގެންގޮސްފައި ވާ އިރު ރަހީނުންގެ ގޮތުގައި ތިބި މީހުންގެ އަދަދު 250 އަށް އަރާ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ބޭރުގެ ޕާސްޕޯޓް އޮތް މީހުންވެސް ހިމެނޭކަމަށް ބުނެއެވެ.

މިއަދު ސޫނަކް އިޒްރޭލަށް ވަޑައިގެންނެވި އިރު އޭނާ އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން އޮތީ އަދި ފަހުންނެވެ.

މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ޕާސްޕޯޓް އޮތް މީހުންވެސް ހިމެނޭ އިރު ސޫނަކް މިހާރު ގެންދަވަނީ އެފަދަ ފަރާތްތަކުގެ އާއިލާތަކާ ވެސް ބައްދަލު ކުރައްވަމުންނެވެ.

ސޫނަކްގެ ކުރިން އިއްޔެ އެމެރިކާގެ ރައީސް އިޒްރޭލަށް ވަޑައިގެން ހިފެހެއްޓުމެއް ނެތް ތާއީދު އިޒްރޭލަށް އޮތްކަން ހާމަ ކުރައްވާފައި ވާ އިރު އޭނާ ވަނީ، އިޒްރޭލް ނެތް ނަމަ އިޒްރޭލެއް އުފައްދައިގެން ވެސް ދެމިތިބޭނީ އިޒްރޭލާ އެކު ކަމަށް ވިދާޅުވެފައެވެ. އަދި އިޒްރޭލު އޮފީ އެކަނި ނޫން ކަމަށާއި ބޭނުން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ކޮންމެ ކަމެއްގައި އެހީވުމަށް އެމެރިކާ ތައްޔާރު ކަމަށް ވިދާޅުވެ، އިޒްރޭލަށް އިތުރު ފައިސާ އާއި މަދަދު ދިނުމަށް ބޭނުންވާ އަސްކަރީ ޕެކޭޖް ހޯއްދަވަން އެމެރިކާގެ ގާނުނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅިގެން އިޒްރޭލުން ފަށާފައި ވާ ފުޅާ އުދުވާނުގައި ޕަލަސްތީނުން 3000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައި 11000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައި ވާ އިރު ހޮސްޕިޓަލްތަކުގައި ތިބި ކޮންމެ 10 މީހަކުން އެކަކީ ކުޑަކުއްޖެއް ކަމަށް ގާޒާގެ ޑޮކްޓަރުން ވިދާޅުވެއެވެ. މިހާތަނަށް 1500 އެއްހާ ކުޑަކުދިން ޝަހީދު ކޮށްލާފައި ވާ އިރު، އަމާޒަކީ ހަމާސް ކަމަށް އިޒްރޭލުން ބުނި ނަމަވެސް ބޮމާއި މިސައިލް ހަމަލާ އަމާޒު ކުރުމުގައި އާންމުން ދިރިއުޅޭ ތަނެއް، ހޮސްޕިޓަލެއް، މިސްކިތެއް، ކާބޯތަކެތި ތައްޔާރު ކުރާ ތަނެއް ނުބަލައެވެ.

ހޮސްޕިޓަލްތަކުގައި ތިބި ތުއްތު ކުދިންގެ ތެރެއިން 40 ޕަސެންޓް ކުދިންގެ މަންމަ އާއި ބައްޕަ ވަނީ ޝަހީދު ކޮށްލާފައި ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ހަނގުރާމަ 2 ހަފްތާއަށް ދިޔަ އިރު އިޒްރޭލުން ދަނީ ގާޒާއަށް ވަދެވޭ ހުރިހާ މަގެއް ބަންދުކޮށް ކާބޯތަކެއްޗާއި ފެނާއި ކަރަންތާއި ތެލާއި ބޭސް، ގާޒާއަށް ވެއްދުން ހުއްޓުވާ ލާއިންސާނީ އަނިޔާއެއްގެ ތެރޭގައި ގާޒާގެ ރައްޔިތުން ތާށިކޮށް ޝަހީދު ކުރަމުންނެވެ.

ހަމާސްގެ ވަސް ފުހެލާނެ ކަމުގެ އިންޒާރު ދެމުން ޔަހޫދީ ބޮޑުވަޒީރު މިހާރު ތައްޔާރު ވަމުން ދަނީ، އެގައުމަށް ޒިޔާރަތް ކުރައްވާ ގައުމުތަކުގެ ވެރިންގެ ބުރު ނިމުމާއެކު އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރުވަމުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ.