ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނުވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރަކު އިސްތިއުފާދިނުމާ ގުޅިގެން، އެ މަގާމަށް މީހަކު އައްޔަންކުރުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 26 ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30އަށް ރައީސް އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ހުށަހަޅުއްވާފައިވާއިރު މިހާރު އެޗްއާރްސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާގެ އިތުރުން މެންބަރު މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބުއެވެ.

އެޗްއާރްސީއެމްގެ ގަވާއިދު ބުނާގޮތުން އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އަލުން މެމްބަރަކު އައްޔަނު ކުރަންޖެހެއެވެ.