އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމަށް ލިބުނު ތަރުހީބަކީ އޯއައިސީގެ މެމްބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށްދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރައްވާ ހަލީލް ވަނީ ވަނީ ކުޑަކުދިން ހިމެނޭހެން މައުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓާތަކާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ ހަމަލާއް ހުއްޓާލުމަށް ގޮވާލާފައެވެ.

އިސްރޭލުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ހަލީލް ވިދާޅުވެފައިވާއިރު އިސްރޭލުގެ ލާއިސްސާނީ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރައްހަދުގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަލީލް ވިދާޅުވީ އޯއައިސީ އުފެއްދި މައިގަނޑު މަގްސަދަކީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތުކުރުން ކަމަށެވެ. އަދި މި ދަނޑިވަޅުގައި އޯއައިސީގެ މަގުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ގާޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހަލީލް ގޮވާލެއްވިއެވެ.

ދިވެހިރާއްޖެއާ ފަލަސްތީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ހަލީލް ވަނީ ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުންނ ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު އެންމެހައި ދިވެހި ރައްޔިތުން ހިތާމަކުރަމުންދާ ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން މިންޖުވެ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުއާކޮށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްތީނާއެކު އަބަދުމެ ދެމި ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ބަލައިގަތުމުގެ އިތުރުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.