ސްޓާޕްލަސް އިން އެންމެ ގިނަ މީހުން ބަލަމުން އަންނަ ޑްރާމާ ސިލްސިލާ "އަނުޕަމާ" ގެ ގިނަ ބަޔަކަށް ކަމުދިޔަ ކެރެކްޓާ ސަމަރު މިހާރު ވަނީ މަރުވެފައެވެ. މި ޑްރާމާ އަކީ ހަގީގީ ދިރިއުޅުމުގައި ވެދާނެ ކަންތައްތަކަށް ބިނާކޮށް ގެނެސްދޭ ޑްރާމާއެއްވެސްމެއެވެ. ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ.

ތަޅާފޮޅުންގަނޑެއްގެ ތެރެއިން އަނުޕަމާގެ ފިރިމީހާ އަނުޖް ކަޕާޑިއާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސަމަރުގެ ގަޔަށް ވަޒަން ހެރި އޭނާ މަރުވިއެވެ. އޭރު ސަމަރު އަންހެނުން ޑިމްޕަލް ބަނޑުވެސް ބޮޑެވެ. ވަރުގަދަ ސިޔާސީ މީހެއްގެ ދަރި ސޯނޫ، ސަމަރަށް ހަމަލާދީ މަރާލިއިރު މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ އަނުޕަމާ އާއި އޭނާގެ އާއިލާ ސަމަރު އަށް އިންސާފު ހޯދައިދޭން މަސައްކަތްކުރެއެވެ. ނަމަވެސް އެ މައްސަލައަށް ބޭނުންވާ ވަރަށް ހެކި ނުލިބުނީ ތޯޝޫ އާއި އަދިކް ހެކި ދޭން ދެކޮޅު ހެދުމުންނެވެ. އާއިލާ އަށް ކުރިމަތިވެދާނެ އިތުރު ބިރަށްޓަކައި ތޯޝޫ އާއި އަދިކް ހެކި ބަސްނުދޭން ނިންމިއިރު އަނުޕަމާ އާއި އޭނާގެ ކުރީގެ ފިރިމީހާ ވަންރާޖް، ސަމަރުއަށް އިންސާފު ހޯދައިދޭން މަސައްކަތްކުރެއެވެ.

ނަމަވެސް އެ ހުރިހާ ކަމަކަށް ހުއްޓުމެއް އަންނަނީ ވަންރާޖަށް ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުންނެވެ. އަމިއްލަ ދަރިފުޅު މަރުވުމުން ހަދާނެ ގޮތް ނޭނގި ގޮތް ހުސްވެފައިވާ ހާލު ވަންރާޖް މޮޔަވާން ފަށައެވެ. އާއިލާގެ ސަލާމަތަށްޓަކައި ތޯޝޫގެ އަންހެނުން ކިންޖަލް ޔޫކޭ އަށް ދާން ނިންމައެވެ. އެއާއެކު އަނުޕަމާ އެނބުރި އެގެއަށް އަންނަން ނިންމައެވެ. ފިރިމީހާ އަނުޖް ދޫކޮށްލުމަށްފަހު ކުރީގެ ފިރިމީހާ ވަންރާޖް ބެލުމަށް އެގެއަށް އަނުޕަމާ ދާނެބާވައެވެ.