އުރީދޫގެ މޮބައިލް ނުވަތަ ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކޮށްލައިގެން ނުވަތަ އާ ހިދުމަތެއް ހޯދައިގެން ފްރާންސްގެ މަޝްހޫރު ޕީއެސްޖީ ފުޓްބޯޅަ ކްލަބުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އުރީދޫން ބުނީ، މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު، އުރީދޫގެ މިހާރުގެ ކަސްޓަމަރުންނަށާއި އެ ކުންފުނީގެ ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އުރީދޫން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުން މިހާރު ގެންގުޅޭ ޕްލޭން އަޕްގްރޭޑްކުރުމުން، ނުވަތަ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް އޮޓޮމެޓިކުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ކަސްޓަމަރަށް ފްރާންސްގެ ވެރިރަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެ އާއި ތިން ދުވަހުގެ ހުރިހާ ހަރަދެެއް ހަމަޖެހިގެން ދާނެ ކަމަށާއި، ޕީއެސްޖީގެ ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައި ހުންނަ އުރީދޫގެ ވީއައިޕީ ލައުންޖުން މެޗު ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް، އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ފުޓްބޯޅަ އަކީ ދިވެހިންގެ ހިތްތަކުން ވަރަށް ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރެއް ކަމަށާއި، އެހެންކަމުން މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރި ފަރާތަށް ވަރަށް ހާއްސަ ތަޖުރިބާތަކެއް ކުރެވިގެން ދާނެ ކަމަށެވެ. އޭނާ ވަނީ، ކުރިއަށް އޮތް ތަނުގައި ވެސް، އުރީދޫގެ ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން މިފަދަ ފުރުސަތުތައް އާންމުންނަށް އުރީދޫން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ފްރާންސް ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ޕީއެސްޖީ އަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރެކެވެ. މީގެ ކުރިން ވެސް ޕީއެސްޖީ އާ ގުޅިގެން އުރީދޫން ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.