ތިން ދިވެހިންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަށް އެރުމުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މ. މުލީގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން އޮންނަ ފަރަކަށް "އާމިރާ" ނަމަކަށް ކިޔާ ދޯންޏެއް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:11 ހާއިރު ކަމަށެވެ.

އެ ދޯނި އޮތީ ފަރުގަ އޮތް ގަލެއްގެ މައްޗަށް ބީހިފައި ކަމުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ދޯންޏަށް އެކި ވަރުގެ ގެންލުން ލިބިފައިވާ ކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ކޯސްޓްގާޑްގެ ޑައިވަރުންގެ އެހީތެރިކަމާއެކު ބެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.