އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ ކަވަރުކުރުމުގެ ފުރުސަތު ބޭރުގެ މީޑިއާތަކަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑރ.މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއިން ބޭރުގެ ހުރިހާ މީޑިއާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން މަޖިލީހުން ކުރި އިއުލާނުގައި ވަނީ މި ހަފްލާ ކަވަރުކުރަން ޝައުގުވެރިވާ މީޑިއާތަކުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ފޯމް ހުށަހެޅުމަށް އެދިފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ބުނީ ބޭރުގެ މީޑިއާތަކުން މި ހަފްލާ ކަވަރުކުރުމަށް ރާއްޖެ އަންނަން ބޭނުންވާ މީޑިއާތަކަށް ވިސާ އާއި އެހެނިހެން ހުއްދަތައް ހޯދުމަށް ބޭނުންވާ ލިޔެކިއުންތައް މަޖިލީހުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެ އަންނަ ފަރާތްތަކުގެ ޓިކެޓާއި އެކޮމަޑޭޝަންގެ އިތުރުން ކެއުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ އެ މީޑިއާ އަކުން ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ވަމުން އަންނައިރު އިންތިގާލީ މަރުހަލާގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. ޑރ. މުއިއްޒު ހުވާކުރެއްވާ ދުވަހުގެ ކުރިން އިންތިގާލީ މަރުހަލާގެ ހުރިހާ މަސައްކަތެއް ނިންމައި، ރިޕޯޓެއް ތައްޔާރު ކުރަން ޖެހެއެެވެ. އަދި އިންތިހާބީ ރައީސްއަށް ޑިރެކްޓާ އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ރިޕޯޓް އަރުވަންޖެހެއެވެ.