މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން، އެކެއްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިންޓިލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން ހައްޔަރުކުރި 35 އަހަރުގެ އަންހެން މީހާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހަކަށް ވާއިރު އޭނާގެ ބަންދަށް ޖަހާފައި ވަނީ 10 ދުވަހެވެ. މި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި އުމުރުން 44 އަހަރުގެ އަންހެން މީހާގެ ބަންދަށް އެންމެ ފުރަތަމަ 5 ދުވަސް ޖަހާފައި ވާއިރު އިއްޔެ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައެވެ.

މާލޭގައި ހަށިވިއްކުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، މަސާޖު ޕާލާތަކާއި ސެލޫންތަކުގައި މި ވިޔަފާރި ކުރުމަށް ހާއްސަކޮށްގެން ރާއްޖެއިން ބޭރުން މީހުން ގެންނަ މައްސަލަ ވެސް ވަނީ އިތުރުވެފައެވެ. މިކަމުގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.