އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކުރި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އިއްޔެ ހުށަހެޅި ގަރާރުގައި ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި އިޒްރޭލުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ އުދުވާންތަކާއި އެންމެހައި ނިރުބަވެރި އަމަލުތައް ކުށްވެރިކޮށް، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި އެއްވެސް ހުރަހެއް ނެތި އިންސާނިއްޔަތުކަމުގެ އެހީ ގާޒާއަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ގޮވާލައިފައި ވެއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ދިވެހިރާއްޖޭގެ އިތުރުން އަރަބި، އިސްލާމީ ގައުމުތަކުންނާއި ބެލަރުސް، އެރިތުރިއާ، ނިކަރާގުއާ، ރަޝިއާ، ވެނެޒުއޭލާ، އަދި ޒިމްބާބްވޭ އިން ވެސް ވަނީ މިގަރާރު ކޯ-ސްޕޮންސާ ކޮށްފައި ކަމަށެވެ. އެގޮތުން ބަލާއިރު ޖުމްލަ 25 ގައުމުން މިގަރާރަށް ތާއީދުކޮށް ކޯ-ސްޕޮންސާ ކޮށްފައި ވެއެވެ.

ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބުމުގެ ސަބަބުން މިގަރާރު ފާސް ނުވާ ކަމަށާއި މިގަރާރާ އެއްކޮޅަށް 5 ގައުމުން ވޯޓުލީއިރު 4 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓުލައިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ. އެ ގަރާރާ އެއްކޮޅަށް ވޯޓުލައިފައި ވަނީ ރަޝިއާ، ޗައިނާ، ޔޫއޭއީ، މޮޒަމްބީކް، އަދި ގަބޯން އިންނެވެ. މިގަރާރާ ދެކޮޅަށް ވޯޓުލައިފައި ވަނީ، ޔުނައިޓެޑް ސްޓޭޓްސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަޕާނުންނެވެ.

ފޮރިން މިނިސްޓްރީ އިން އިތުރަށް ބުނީ ވަކި ގޮތަކަށް ވޯޓުލާން ބޭނުންނުވާކަމަށް 6 ގައުމަކުން ވޯޓުދީފައިވާ ކަމަށެވެ. އަދި ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ވޯޓު ބޭނުންވާ ކަމަށެވެ.

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގެ ހާލަތު ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް ބޭނުންވާ އެހީތައް ގާޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ވަނީ އދ ގެ މަޖިލީހުގައި ގޮވާލާފައެވެ.