އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގެ ހާލަތު ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް ބޭނުންވާ އެހީތައް ގާޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިގްތިސާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ގުދުސް ހިމެނޭހެން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ ގުދުރަތީ ވަސީލަތްތަކާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ އާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

އެބަޔާނުގައި ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދާ ދަތި ހާލު ފާހަގަކޮށް، ހާއްސަގޮތެއްގައި ގާޒާގައި މިހާރު ހިންގަމުންދާ އުދުވާންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އާއްމު ރައްޔިތުންނާއި އާއްމު ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ރާއްޖެއިން ވަނީ ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ގާޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހާ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށް އެއަމުރު އަނބުރާ ގެނައުމަށް ވެސް ގޮވާލާފައި ވެއެވެ.

މީގެ އިތުރުން އާއްމުންނާ ހަނގުރާމަވެރިންރާ ތަފާތު ކުރުމެއްނެތި ދެވޭ ހަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އެ ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ވަނީ ތަކުރާރުކޮށްފައެވެ.

އަދި ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.