އޮކޮޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާ ދެމުން އެއްގަމާއި ވައިގެ މަގުން އަރާ ހިންގި އޮޕަރޭޝަންގައި ޖުމްލަ 250 މީހަކު އަތުލައިގެން ގާޒާއަށް ގެންދިޔަ ކަމަށް ބުނެފިއެވެ.

ހަމާސް އިން ބުނީ، އޭގެ ތެރޭގައި ބޭރުގެ ޕާސްޕޯޓް އޮތް މީހުންވެސް ތިބި ކަމަށާއި ހާލަތު ތަންދިންހާ އަވަހަކަށް އެމީހުން ދޫކޮށްލުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އިޒްރޭލުން ބުނެފައިވަނީ އެ ދައުލަތަށް ނިސްބަތްވާ 199 މީހަކު ހަމާސް އިން ރަހީނު ކުރި ކަމަށެވެ.

ހަމާސް އިން ރަހީނު ކުރި މީހުން ތިބީ ގާޒާގެ އެތަން މިތަނުގައި ފޮރުވާފައެވެ. އެމީހުން ތިބި ސީދާ ތަންތަން ދެނެގަތުމަށް ޔަހޫދީ ސިފައިންނަށް އުނދަގޫވެފައި ވާ އިރު ޔަހޫދީން މަސައްކަތް ކުރަނީ އެއްގަމު މަގުން އަރާ ވަރުގަދަ އޮޕަރޭޝަނެއް ހިންގުމަށެވެ.

މިއަދު ދިން ވައިގެ ހަމަލާތަކުގައި ގާޒާއިން 70 މީހަކު ޝަހީދު ވެފައި ވާ އިރު، ރަފާއާއި ހާން ޔޫނިސް އަށް ވެސް މިއަދު ވަނީ ހަމަލާ ދީފައެވެ. އެގޮތުން ހާން ޔޫނިސްގެ 3 ގެއަކަށް މިސައިލް ހަމަލާ ދީ ވަނީ ބިމާ ހަމަކޮށްލާފައެވެ.

އިޒްރޭލުގެ އުދުވާންގައި މިހާތަނަށް ފަލަސްތީން ގެ 2808 މީހަކު ޝަހީދު ވެފައި ވާ އިރު، އެ އުދުވާނާ ގުޅޭ ހަބަރުތައް ގެނެސްދިނުމަށް ހަރަކާތްތެރިވާ 15 ނުސްވެރިއަކުވެސް މަރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަލަސްތީންގެ 11 ނޫސްވެރިއަކާއި އިޒްރޭލުގެ 3 ނޫސްވެރިންނާއި ލުބުނާނުގެ ނޫސްވެރިއެކެވެ. މީގެ އިތުރުން އަލްޖަޒީރާ، ރޮއިޓާސް، ފްރެންޗް ނިއުސް އެޖެންސީ، އޭއެފްޕީ، އަލް ގާދު ޗެނަލް، ސްކައި ނިއުސް އަރަބިއާގެ ނޫސްވެރިން ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން 3 ނޫސްވެރިއަކު ގެއްލިފައި ވެސް ވެއެވެ. އަލް ނަޖާހް ޗެނަލް، އައިން މީޑިއާ، ޔައިނެޓްގެ ފޮޓޯގްރާފަރުން ހިމެނެއެވެ.

އިޒްރޭލުގެ އުދުވާން 2 ވަނަ ހަފްތާއަށް ދެމިގެން ގޮސްފައި ވާ އިރު، ހަމާސްގެ އަތްދަށުގައި ތިބި މީހުން މިނިވަން ކުރުމުގެ މަޝްވަރާތައް ފްރާންސުން ކުރަމުން އެބަދެއެވެ. ހަމަ މިވަގުތު އަރަބި ލީޑަރުން ބައިވެރިވާ މަހާސިންތާއެއް އަންނަ ހޮނިހިރުގައި މިސްރުގައި ފެށުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އެ މަހާސިންތާގައި ގާޒާގެ މިހާރުގެ ހާލަތާއި އިޒްރޭލުގެ އުދުވަނާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެރިން މަޝްވަރާކުރައްވާނެއެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން، މަޝްރަހު ފިނިކުރުމަށްޓަކައި މާދަމާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލަށް ވަޑައިގްނަންވާނެއެވެ. އޭނާގެ ދަތުރުގެ ތަފްސީލުތައް ހާމަ ކޮށްފައި ނުވިނަމަވެސް، އޭނާ އާއި މުޅި އެމެރިކާ ވަނީ ހިފެހެއްޓުމެއް ނެތި އިޒްރޭލަށް ތާއީދު ކުރާކަން ހާމަ ކޮށްފައެވެ. އަދި ހަމާސް ނައްތާލަން ޖެހޭ ކަމަށާއި އިޒްރޭލުން ދޭ ހަމަލާތައް ދިފާއު ކުރަމުން ހަތިޔާރާއި މަދަދުވެސް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

ގާޒާފައި ފަލަސްތީންގެ ރައްޔިތުން ނޫނަސް ތަފާތު އެކި ގައުމުތަކުގެ މީހުން އުޅެމުން އަންނަ އިރު އެކިއެކި ބޭނުންތަކުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ އޮފިޝަލުންވެސް އެބަތިއްބެއެވެ. ހަނގުރާމަ ފަށާއި ގާޒާގެ ހުރިހާ ގޭޓްތަކެއް އިޒްރޭލުން ބަންދު ކުރުމާއެކު އެމީހުންވެސް ތިބީ ގާޒާގެ ތެރޭގައި ތާށިވެފައެވެ. އެމީހުން ބޭރު ކުރަން ރަފާ އާއި މިސްރު ގުޅޭ ދޮރާށި ހުޅުވާލަން އެދެމުން ދިޔަ ނަމަވެސް އިޒްރޭލުން އެކަމަށް އަދި އިޖާބައެއް ދީފައެއް ނުވެއެވެ.

ދެން ހުރި ދޮރާށިވެސް ހުޅުވާލަން އިޒްރޭލުން ދެކޮޅު ހަދާއިރު އެ ދޮރާއްޓަކީ މިސްރުން ގާޒާއަށް އެހީގެ ތަކެތި އެތެރެ ކުރުމަށް ކަނޑައަޅާފައިވާ ދޮރާއްޓެވެ. އެ ދޮރާށި ކައިރީގައި މިސްރުން މުރާ ބަރުކޮށްގެން ގޮސް އޮތް އެތައް ސަތޭކަ ލޮރީއެއް އެބައޮތެވެ. ނަމަވެސް އެހީގެ ތަކެތި ވައްދަން ހުއްދަ ނުދޭތީ އެކަންވެސް އަދި ނުވެއެވެ. ހަމަ އެހެންވެ ގާޒާއިން ފައިބަން އެންގި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކުވެސް އެ ދޮރާއްޓާ ހިސާބުގެ އެކިއެކި ތަންތަނުގައި އެބަތިއްބެއެވެ. ނިކުމެވޭނެ ގޮތެއް ނެތެވެ.

ހަނގުރާމާއިގެ ދެވަނަ ފޭސް އަށް ތައްޔާރުވާ އިރު އިޒްރޭލުން ބުނީ، ގާޒާގެ އުތުރުން ބޯޑަރުގައި ސަފުތައް ރުކުރުވާލާފައި ވާ ކަމަށާއި އެއީ އެންމެން ވާހަކަ ދައްކާ ގޮތަށް އެއްގަމު މަގުން އަރައިގަނެގެން ދޭ ހަމަލާއަކަށް ނުވެދާނެ ކަމަށެވެ. އަދި އެ ހަމަލާތައް ރާވާފައިވާ ގޮތުގެ ތަފްސީލެއް ވެސް ދީފައެއް ނުވެއެވެ.

ފަލަސްތީނަކީ ހިޔާލު ތަފާތު ފެކްޝަންތަކެއް އުފެދިފައިވާ ސިޓީއަކަށް ވާއިރު ވެރިކަން ކުރާ ފަތަހު މޫވްމަންޓާއި ހަމާސް އަދި ފަލަސްތީން ނަޝަނަލް އެލަޔަންސުން ގެންގުޅޭ ތަސްވުރު ތަފާތު ނަމަވެސް ފަލަސްތީނުގެ މިނިވަން ކަމަށް އެންމެންވެސް މަސައްކަތް ކުރަނީ އެއް ވިސްނުމެއްގައެވެ.

ރޭ ނެޝަނަލް އެޔަލަންސްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އިޒްރޭލުން މިހާރު ފަށާފައި އުދުވާނަކީ ހަމައެކަނި ހަމާސް ނައްތާލުމަށް ހިންގާ އުދުވާނެއް ނޫން ކަމަށާއި އިޒްރޭލުގެ ބޭނުމަކީ އެގައުމުގެ ބޮޑުވަޒީރު އދ ގެ އާންމު މަޖިލީހުގައި ދެއްކި ޗާޓުގައި ފެންނަ ގޮތަށް އިޒްރޭލާ ވީ ފަޅިން، ގާޒާގެ އުތުރަށް އޮތް ދެ ކޭމްޕް ހިފުން ކަމަށެވެ. އެ ދެކޭމްޕް ބައިވަނީ ގާޒާގެ މެދުން ހުރަަހަށް ގޮސް އޮންނަ ވާދީއާ ހިސާބުންނެވެ.

އެ ސަރަހައްދަކި 1.1 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާއިރު، އިޒްރޭލުން ހުސްކުރަން އަމުރު ކުރީވެސް އެސަރަހައްދެވެ.

އެއްގަމު މަގުން ފަށާ އުދުވާނުގައި އެ ސަރަހައްދު އެއްކޮށް ބިމާ ހަމަކޮށް މީހުން ހުސްކޮށް ފެންސް ޖަހާ ބައްދާނެ ކަމަށާއި، ވަޒަނުން ބޭލި މީހުންނަށް އޭގެ ފަހުން އެ ސަރަހައްދަށް އަނބުރާ ދިޔުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުގެ އުދުވާން ކުށްވެރި ކުރުުމުގައި އިސްލާމި ބައެއް ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން މަސައްކަތް ކުރަމުން ގެންދާ އިރު، މިއަދު އދ ގައި ވޯޓަށް އަހަން އޮތް ގަރާރަށް ވޯޓަށް އެހެންވެސް ވަނީ ފަސްވެފައެވެ. ގާޒާގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ރަޝިއާ އާއި ބްރެޒީލް އިން ހުށަހެޅި 2 ގަރާރަށް ވޯޓަށް އަހަން ތައްޔާރު ވެފައި ވަނިކޮށް ޔޫއޭއީގެ ހުށަހެޅުމަކާއެކު އެކަން ވަނީ ކުޑަކޮށް މަޑުޖެހިފައެވެ.