"ދަ މޯލްޑިވްސް އޯޝަން ހެކަތޯން" ގެ ނަމުގައި މިހާތަނަށް އެންމެ ބޮޑު އިނާމު ހުށަހަޅައިގެން ރާއްޖޭގައި ބާއްވާ ހެކަތޯން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުން ކުރިއަށްގެންދާ މި ހެކެތަން ކުރިއަށް އޮންނާނީ މިމަހު 15 އިން 17 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މެދުނުކެނޑި 48 ގަޑިއިރަށް ހިންގާ ހެކަތޯންގައި 10 ޓީމާއެކު ޖުމްލަ 50 މީހުން ބައިވެރިވެފައި ވާއިރު މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ 1 ޓީމް ހިމެނެއެވެ. މި ހެކަތޯންގެ އެއްވަނަ ފަރާތަކަށް 10,000 އެމެރިކާ ޑޮލަރަށްވާ ރުފިޔާ އަދި 2 ވަނައަށް 3000 އެމެރިކާ ޑޮލަރަށް ވާ ދިވެހި ރުފިޔާ، 3 ވަނައަށްދާ ފަރާތަށް 2000 ޑޮލަރަށްވާ ފައިސާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ހެކަތޯންގެ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މުބާރާތް ފެށުމުގެ ކުރިން ބޭއްވި ޖަލްސާގައި އެންވާރަމަންޓް މިނިސްޓަރު އައިިނަތު ޝައުނާ ދެއްކެވި ވާހަކަގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސާފު ފެން ލިބުމަށް ގޮންޖެހުންތައް ކުރިމަތިވުމާއި، ތެޔޮ އަންދަން ޖެހުމާއި، ޕްލާސްޓިކް އުފެއްދުންތައް ބޭނުން ކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބެމުން ދާކަން ފާހަގަ ކުރެއްވިއެވެ.

މިކަންކަމަށް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާއިރު، އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް މިކަމަށް ހައްލެއް ގެނައުމަށް އެންމެ އަދާހަމަ ފަހުގެ ޑޭޓާ ބޭނުންވާކަމާއި، މި ގޮތަށް ޑޭޓާ އެއްކޮށް ބެލެހެއްޓުމަކީ ގޮންޖެހުމެއްކަމާއި، ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން އެކި ފަރާތްތަކުން އެއްކުރާ މިފަދަ ޑޭޓާ ސަރުކާރާ ހިއްސާކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެފަރާތްތައް އެ ހޯދާ މައުލޫމާތު އެންވަރަންމަންޓް މިނިސްޓްރީއަށް ލިބޭނެ ގޮތްތަކާއި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގައި މި މައުލޫމާތުތައް ހިމަނާނެ ގޮތްތަކާއި، އާހިރުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިއީ ރާއްޖެއަށް އޮތް އެންމެ އެދެވޭ ހައްލު.
ޝައުނާ

މި ހެކަތޯން ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއި، ކްރޮސް ރޯޑް މޯލްޑިވްސް، ވިލާ ކޮލެޖް، ނޫރާއްޖެ ޕްރޮގްރާމް އަދި ޕަބްލިކް ސާވިސް މީޑިއާ އިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައި ވެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކެއް ކަމުގައިވާ މައިކްރޮސޮފްޓް އަދި އެކްސް ޕްރައިޒް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ.