އިޒްރޭލުން އައިއޭސީގެ ގުދަނަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދިވެހިންގެ ފަރާތުން ހަދިޔާ ކޮށްފައިވާ ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އޮފިޝަލަކު ވިދާޅުވީ އެ ހަމަލާ އިޒްރޭލުން ދީފައި ވަނީ ސީދާ އައިއޭސީގެ ގުދަނަށް އަމާޒު ކޮށްގެން ކަމަށެވެ. އަދި އެ ގުދަން އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އެ އޮފިޝަލް ވަނީ ބުނެފައެވެ.

އެގޮތުން ގެއްލުންވެފައި ވަނީ ދިވެހިން ދިން ހުރިހާ އެހީ ނޫން ކަމަށާއި ނަމަވެސް އެ ގުދަނުގައި ހުރި 2000 ރަޖާ އާއި 3000 އަންނައުނު ޕެކްގެ އިތުރުން 1000 ރެޑީ ޓު އީޓް ޕެކް ވެސް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އައިއޭސީގެ ޓީމުން ދަތުރު ކުރަމުންދިޔަ ވެހިކަލް އަކަށްވެސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށާއި ނަމަވެސް މި ހަމަލާތަކުގައި ޓީމުގެ އެއްވެސް ފަރާތަކަށް ގެއްލުން ނުވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދިނެވެ.

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފެށިތާ ހަފްތާއެއް މިވަނީ ފާއިތުވެގެން ގޮސްފައެވެ.

އެއާއެކު ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ޖަމިއްޔާއެއް ކަމަށްވާ އައިއޭސީން އިސް ނަގައިގެން ދިވެހިންގެ ފަރާތުން ލިބެމުންދާ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހާލުގައި ޖެހިފައިިވާ މުސްލިމުންނަށް އެހީވުމަށް ފަންޑެއް ހުޅުވާ، ފަންޑު ހޯދުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ފާއިތުވު މަދު ދުވަސްކޮޅުގެ ތެރޭގައި ކޮށްފައި ވެއެވެ.

އެގޮތުން އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، މާލެ އާއި ގިނަ ރަށްރަށުގައި އެ ދުވަހުގެ ހަވީރު ވަނީ އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ފަލަސްތީނާ އެކު ސާބިތުވެ ތިބިކަން ދައްކުވާ ދިނުމަށް އެ ޖަމިއްޔާއިން ވަނީ އެކި އެކި ކަން ކަން އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަމާޒަކަށް ގާޒާގެ ރައްޔިތުން މީގެ ކުރިންވެސް ވެފައިވާއިރު ދިވެހިން ދަނީ އެމީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަމިއްޔާ މެދުވެރިކޮށް، މީގެ ކުރިން ވެސް ދިވެހިން އެތައް މިލިއަން ރުފިޔާއެއް ފަލަސްތީނަށް ވަނީ ހަދިޔާކޮށްފައެވެ.

ގާޒާއަށް އެހީވުމަށް:

އެކައުންޓު ނަމްބަރު: 7770000062741

އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.