ގއ. ކަނޑުހުޅުދޫ "ސީހޯސް 3" މަސް ދޯނިން ބޭނި ދެ ޓަނުގެ މަހަށް ވާ ފައިސާ، ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

"ސީހޯސް ދޯނި 3" އިން "މަސްވެރިން އެމްވީ" އަށް މައުލޫމާތު ދެމުން ބުނީ، ފަލަސްތީން ފަންޑަށް ހަދިޔާކުރަން ނިންމާފައި ވަނީ މިދިޔަ ހަފްތާގައި އެ އެ ދޯނިން ބޭނި 50 ޓަނުގެ މަހަށް ލިބޭ ފައިސާއިން ކަމަށެވެ. ދެ ޓަނުގެ މަހަށްވާ ފައިސާގެ އަދަދަކީ 50،000 ރުފިޔާއެވެ.

އެދޯނިން ވަނީ، ފައިސާ ޖަމާވިހާ އަވަހަކަށް އެފައިސާ ފަންޑަށް ޖަމާކުރާނެ ކަމަށް ބުނެފައެވެ.

ކަނޑުހުޅުދޫ ދޯންޏަކުން ފަލަސްތީނަށް 50،000 ރުފިޔާ ދިނުމަށް ނިންމާފައި ވާއިރު ގއ. ވިލިނގިލި، ހުސީނާ ދޯނިން ބާނާ 1 ޓަނު މަސް ކިރުވައިގެން ލިބޭ ފައިސާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ. އެއީ ގާތްގަނޑަކަށް 25،000 ރުފިޔާއެވެ.

މީގެ ކުރިން 17 ރުފިޔާއަށް މިފްކޯއިން މަސް ކިރަމުން އައި ނަމަވެސް މިދިޔަ މަހުގެ 16 އިން ފެށިގެން މަސް ކިރާ އަގު ވަނީ 25 ރުފިޔާއަށް ބޮޑު ކޮށްފައެވެ. އަގު ބޮޑުކޮށްފައި ވަނީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރު ވެފައި ވާތީ ކަމަށް ބުނެ އިންތިހާބުގެ ދެވަނަ ބުރުގެ ފަހު ދުވަސްތަކުގެ ތެރޭގައެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިހާރު މިފްކޯއަށް އެއް ޓަނުގެ މަސް ކިރައިފި ނަމަ 25،000 ރުފިޔާ ލިބޭ އިރު، ކުރީގެ ރޭޓުން ކިރައިފި ނަމަ ލިބޭނީ 17،000 ރުފިޔާއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޓިކްޓޮކްގެ މަޝްހޫރު އިންފްލުއެންޒާ ސަމާ ވެސް ވަނީ ފަލަސްތީނަށް އެހީވުމަށް ލައިވެއް ހިންގާފައެވެ. އެ ލައިވް، އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ އިރު، އޭނާ ވަނީ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައެވެ. އަދި އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އަށް ހަދިޔާ ކޮށްފައެވެ.